28 މާޗް 2017 - 12:24

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ފަލަސްތީން އަތުން ރާއްޖެ އަށް މޮޅުވެވިދާނެ ކަމަށާއި އެކަމަކު އެކަން ކުރެވޭނީ ޑިފެންސް ލައިން ވަރަށް ރަނގަޅުކޮށް އަދި ޑިފެންސަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ބުނެފި އެވެ.
ޓީމުގެ ކެޕްޓަން ބޭންޑާ އިއްޔެ ހަވާލުވި އަޑުބަރޭ ބުނީ ރާއްޖޭގައި ހަލުވި ފޯވާޑުން ތިބުމުން ޑިފެންސަށް ކުޅެފި ނަމަ އިތުރު ފައިދާތަކެއް ލިބޭނެ ކަމަށެވެ.
"ފަލަސްތީން ބަލިކުރެވޭނެ އެކަމަކު ބަލިކުރެވޭނީ ހަމަ ވަރަށް ބޮޑަށް ފަހަަތް އޯގަނައިޒްކޮށް ތަންކޮޅެއް ބޮޑަށް ފަހަތަށް ވިސްނައިގެން ކުޅެގެން. ރާއްޖޭގެ ކުރީގައި އެބަތިބި ސެންޓޭ އާއި އުމެއިރު ފަދަ ކުޅުންތެރިން. މިއީ ވަރަށް ފާސްޓް ކުޅުންތެރިންތަކެއް އެހެންވެ ޑިފެންސްކުރުމަށް ފަހު ކައުންޓާ ކުޅޭއިރު ރާއްޖެ އަށް އެޑްވާންޓޭޖްތަކެއް އޮންނާނެ. އޭރުން ފަލަސްތީން ވެސް އަބަދު ކުރިއަށް އަރަން ޖެހިލުން ވާނެ ރާއްޖޭން ފަހަތުގައި ތިބެ، ކައުންޓާގައި އަރައި އެޓޭކްކުރަން ފަށައިފިއްޔާ،" އަޑުބަރޭ ބުންޏެވެ.
އަޑުބަރޭ ބުނީ ފަލަސްތީނަކީ ދެކުނު އޭޝިއާ ފެންވަރުގެ ޓީމެއް ކަމަށް ވިސްނައިގެން ނުވާނެ ކަމަށާއި އެއީ އެއަށް ވުރެ މާވަރުގަދަ ޓީމެއް ކަމަށެވެ. އަދި ފަލަސްތީނާ ދެކޮޅަށް 2012 ވަނަ އަހަރު ކުޅެ ބަލިވެ އަދި 2014 ވަނަ އަހަރު އެއްވަރުވެފައިވާތީ ތިން ވަނަ ފަހަރަށް ކުރިމަތިލާއިރު މޮޅަކަށް ރާއްޖޭން ވިސްނަން ޖެހޭ ކަމަށް އަޑުބަރޭ ބުންޏެވެ.
"ވަރަށް ބޮޑަށް ހިތްހަމަޖެހޭ ތައްޔާރީތަކާ މެޗު. ބޭނުންވަނީ ރިޒަލްޓް ނެރެން. ތިން ޕޮއިންޓް މިފަހަރު ޓާގެޓަކީ. ޓީމުގައި ފައިޓިން ސްޕްރިޓް ވަރަށް ވަރުގަދަ. އެކަން މިރޭ ފެންނާނެ. އެކަމަކު ސަޕޯޓަރުންގެ އެއްބާރުލުން ވެސް ބޭނުންވޭ. ސަޕޯޓަރުންގެ އަޑާ އެކު ކުޅުންތެރިން އިތުރަށް އެކްޓިވްވޭ،" އަޑުބަރޭ ބުންޏެވެ.
އޭނާ ބުނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ނެތްތަން ދައްކާނެ ކަމަށާއި އެކަމަކު އެއްވެސް ކުޅުންތެރިޔަކު ދާއިމަށް ޓީމުގައި ނުހުންނާނެކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ވެސް މިތަނުގައި މާދަމާ ނުހުންނާނެ. އެއްވެސް ކުޅުންތެރިޔަކު ތާއަބަށް ނުހުންނާނެ. އަޝްފާގުގެ ބަދަލުގައި މިހާރު ހުރި ފޯވާޑް އަސަދުﷲ އަކީ ވެސް ރަންބޫޓް ތިން ފަހަރު ހޯދައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ ކުޅުންތެރިޔެއް. އޭނާ މިރޭ ގޯލް ޖަހާނެ ކަމުގެ ޔަގީންކަން އެބައޮތް،" އަޑުބަރޭ ބުންޏެވެ.