10 އޮކްޓޯބަރ 2025 - 16:12

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑި ޖަހަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން ޝުއައިބް އަލީ އަށް ފިޔަވަޅު ނާޅާއި ތަފާތު ކުރާ މައްސަލަ ހޫނުވެ، ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް އޭނާ އެންމެ ފަހުން ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ޝުއައިބަށް ފިޔަވަޅު ނާޅާ މައްސަލަ ހޫނުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓުމާ ގުޅިގެންނެވެ.
ޒާޔާގެ ފޯނު ހިފެހެއްޓީ ފުލުހުން ޓެގްކޮށް، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
ޝުއައިބުގެ ފޭސްބުކް ޕޯސްޓުގެ މައްސަލަ ހޫނުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމަށް އިޝާރާތްކޮށް "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ ތަޅައި ތިރިކޮށް" އަދި "ބަޑި ވެސް ޖަހަންވީ" ކަމަށް ބުނުމުންނެވެ.
އެ ދެ މައްސަލާގައި ފުލުހުން ތަފާތުކޮށް އަމަލު ކުރުމުން ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް ފުލުހުން މިއަދު މީޑިއާގައި ބުނީ، ޝުއައިބުގެ ޕޯސްޓާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ޝުއައިބު ވެސް ރޭ އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުން ފުލުހުން ވަނީ އޭނާ އަށް ގުޅައިފަ އެވެ. އަދި ގަލޮޅު ޕޮލިސް އަށް ހާޒިރުވާން އެންގި ކަމަށް ޝުއައިބު ބުންޏެވެ.
"އަޅުގަނޑު ރާއްޖެތެރޭގައި އުޅޭތީ، ބަޔާން ނެގުމަށް އެހެން ގޮތެއް ހަމަޖައްސަމުންދާ ކަމަށް ޚަބަރު ލިބެ އެވެ،" އޭނާ ބުންޏެވެ.
ދިފާއުގައި ޝުއައިބު ބުނީ، މައްސަލާގައި ކުރިއަށް ދާން ތައްޔާރުވަމުން އަންނަ ކަމަށާއި ފޭސްބުކްގައި އޭނާ ލިޔުނު ޕޯސްޓުތަކުގެ އަސްލު އޮޅުވާލައިގެން ނުވަތަ ބަދަލުކޮށްގެން ފެތުރި ގޮތް ވަރަށް ތަފުސީލްކޮށް އެނގޭ ގޮތަށް ހުރިހާ މައުލޫމާތުތައް އެއްކޮށްގެން ޖަވާބުދާރީވާން ތައްޔާރު ވެފައިވާ ކަމަށެވެ.
"ގާނޫނުގެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ އެވެ. އެއީ އަޅުގަނޑު ކަމުގައި ވިޔަސް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު ވެސް އަޅަން ޖެހޭނެ އެވެ. މިހާރު މި ހުރީ ފުލުހުން ގުޅަންދެން އިންތިޒާރުގަ އެވެ،" ޝުއައިބު ރޭ ބުންޏެވެ.