10 އޮކްޓޯބަރ 2025 - 11:48

އެ މަނިކުފާނުގެ ސަރުކާރުގެ ތިން މިނިސްޓަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ރާވައިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބޫ އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީއާ ގުޅޭ ގޮތުން އޭސީސީން ތަހުގީގު ކުރާ މައްސަލައެއްގައި އެ ކޮމިޝަނަށް އަންނަ ހަފުތާގައި ހާޒިރުވާން އެ ބޭފުޅުންނަށް އަންގާފައިވާތީ އެވެ
އިބޫ ވިދާޅުވި ގޮތުގައި އެ ތިން ބޭފުޅުން އޭސީސީ އަށް ހާޒިރު ކުރަނީ "ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ" ދަނޑިވަޅެއްގަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި "އިންސާފުން އެއްކިބާވެފައިވާ" ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރާވައިގެން ހިންގާ ވަރަށް ނުރަނގަޅު އަމަލުތަކެއް ކަމަށެވެ.
"މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބު ވާނެ،" އިބޫ ވިދާޅުވި އެވެ.
އެހެންވެ، އެފަދަ ކަންކަމުން ދުރުވެ، އިންސާފާއި ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ތިން މިނިސްޓަރުންގެ ތެރެއިން ފައްޔާޒަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިން ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށެވެ..
މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
އަމީރު ވެސް ހާޒިރުކުރަނީ ހަމަ މި ތަހުގީގާ ގުޅިގެން ކަމަށް ބެލެވެ އެވެ. އޭނާ ދިފާއުގައި ރޭ ވިދާޅުވީ، ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް، ދައުލަތަށް ގެއްލުން ވާނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އޭސީސީ އަށް ހާޒިރުކުރާ ބޭނުމެއް ނޭނގުނު ނަމަވެސް އެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި ރަސްމީ އީމެއިލްތައް އޭނާ ޑިލީޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ތަހުގީގު ކުރަން ފަށައިފަ އެވެ.
ފުލުހުން އޭރު ބުނެފައި ވަނީ އާއިޝަތު އަލީގެ ރަސްމީ އީމެއިލް އެކައުންޓުގައި ހުރި ހުރިހާ އީމެއިލްތަކެއް 2023 ވަނަ އަހަރުގެ ތެރޭގައި ޑިލީޓްކުރި މައްސަލައެއް ބަލައިދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވެފައި ވަނީ، ކުރީގައި މަގާމު އަދާކުރެއްވި އެހެން އެޑިއުކޭޝަން މިނިސްޓަރުންގެ ރަސްމީ އީމެއިލްތައް މިހާރު ވެސް އެބަހުރި ކަމަށެވެ. އެކަމަކު، އާއިޝަތު އަލީގެ ރަސްމީ އެއްވެސް އީމެއިލެއް ނެތް ކަމަށާއި އެ އީމެއިލްތައް ހުރީ ފޮހެލާފައި ކަަމަށް އޮފިޝަލް ވިދާޅުވެފައި ވެ އެވެ.
އާއިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއްގެ ތަހުގީގު މިދިޔަ އަހަރުގެ ޖުލައި މަހު ފުލުހުން ފެށިކަން މީޑިއާ އަށް ތިލަ ނުވަނީސް އޭނާ ވަނީ އެ އީމެއިލް އެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.