10 އޮކްޓޯބަރ 2025 - 10:43

ގެދޮރުވެރިކަން ފަހިކޮށްދޭ ސްކީމުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ޒިންމާދާރުކަމާ އެކީ، އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށް ކަމަށާއި އެކަން އެ ގޮތަށް ކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އިއްޔެ އެދިވަޑައިގެންފި އެވެ.

އޭނާ އެ ކަމަށް އެދިވަޑައިގަތީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރަން ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
"މިއީ ހިލޭ އެހީގެ ސްކީމެއް ނޫން. މިއީ ފައިނޭންސިން ސްކީމެއް. އެހެންކަމުން ކޮންމެ ފަރާތަކުން ވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް،" ގެދޮރުވެރިކަމުގެ ސްކީމަށް ދޫކުރާ ފައިސާ ގަވާއިދުން ދެއްކުމަށް ބާރު އަޅުއްވަމުން ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އެމްޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހިޔާވެހި ސްކީމާއި އަދި ކުރިމަގުގައި ހިންގާ މިފަދަ ގެދޮރުވެރިކަމުގެ އެހެނިހެން މަޝްރޫއުތަކުގެ ކާމިޔާބީ އާއި ދެމެހެއްޓެނިވިކަން ބިނާވަނީ ޒިންމާދާރުކަމާ އެކީ، އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށް ކަމަށެވެ. އަދި މިފަދަ މުހިންމު ސްކީމްތަކުން ފައިސާ ލިބޭ މީހުން މާލީ ޒިންމާ އަދާނުކޮށްފި ނަމަ މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުން، ފައިސާ ދެއްކުމުގެ ޕާފޯމަންސް ދަށްވެއްޖެ ނަމަ މުސްތަގުބަލުގައި މިފަދަ ސްކީމްތައް ކުޑަ ރޭޓްތަކުގައި ލުއި ޝަރުތުތަކާ އެކު ނުހިންގި ހިނގައިދާނެ. އެހެނީ ބޭންކިންގެ ނިޒާމް ހިނގާ ގޮތުން ބޭންކުތަކުން ދޫކުރާ ފައިނޭންސިންގެ ރޭޓްތަކާއި ޝަރުތައް ކަނޑައެޅިގެން ދަނީ ބޭންކަން އޮންނަ ރިސްކްގެ ކުޑަބޮޑުމިނަށް ބަލާފައިކަމަށް ވާތީ،" ޝަރީފު ވިދާޅުވި އެވެ.
އެހެންވެ، ތަކުރާރުކޮށް އޭނާ އެދިވަޑައިގަތީ ގެދޮރުވެރިކަން ފަދަ ބޭނުންތެރި މަޝްރޫއުތައް ދެމެހެއްޓުމަށްޓަކައި ފައިނޭންސް ލިބޭ ފަރާތްތަކުން ޒިންމާ އަދާކުރުމަށެވެ. އޭގެ ތެރޭގައި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ފައިނޭންސަށް ބަރާބަރަށް ފައިސާ ދެއްކުން ހިމެނޭ ކަމަށާއި އެއީ ކުރިމަގުގައި މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ލިބޭ ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އަނބުރާ ފައިސާ ދެއްކުމަކީ ހަމައެކަނި އެއްބަސްވުމެއްގެ ދަށުން އޮތް ޒިންމާއެއް ނޫން. އެއީ ހުރިހާ ދިވެހިންނަށް އަތްފޯރާފަށުގެ ފައިނޭންސިން ލިބިދިނުމަށާއި މުސްތަގުބަލުގައި ވެސް އެ ނިޒާމް ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" އެމްޑީ ވިދާޅުވި އެވެ.
ގެދޮރު އަލަށް އިމާރާތް ކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވެސް އެވެ.
ބީއެމްއެލް އިން "ހިޔާވެހި" ފައިނޭންސިން ސްކީމް ހިންގަނީ އިސްލާމިކް ފައިނޭންސްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެ ފައިންނޭންސިން ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް އެ ބޭންކުން މިހާރު ވަނީ ފަށައިފަ އެވެ.
"ހިޔާވެހި" ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭނެ އެވެ. އެއީ 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ 20 ޕަސެންޓް ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ އެވެ. "ހިޔާވެހި" ފައިނޭންްސިން ހޯދާ މީހުން އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވާނެ އެވެ.
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ވެސް މި ފައިނޭންސް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.