ހަނގުރާމަ ނިމުނަސް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ރާއްޖޭން ގޮވާލައިފި
ހަނގުރާމަ ނިމުނަސް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ރާއްޖޭން ގޮވާލައިފި

މީގެ ދެ އަހަރު ކުރިން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދޭން ފެށި ހަމަލާތައް މެދުކަނޑާލައި، ހަނގުރާމަ ނިންމިޔަސް، ޣައްޒާގައި އިޒްރޭލުން ހިންގި ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ރާއްޖޭން ގޮވާލައިފި އެވެ.

ޣައްޒާގައި ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައެއް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭންގެ ފުރަތަމަ ފިޔަވަހި ތަންފީޒު ކުރުމަށް އިޒްރޭލާއި ހަމާސުް އިން އެއްބަސްވުމާ ގުޅިގެން، އެކަމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި އެއްބަސްވުމަކީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ކޮންމެވެސް ވަރެއްގެ އުއްމީދެއް ކަމަށާއި އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއްގެ ގޮތުގައި އެ ބަޔާނުގައި ސިފަކުރި އެވެ.

މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރަން ވި އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ މި އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

"އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަން ރާއްޖޭން ފާހަގަކުރަން،" ބަޔާނުގައި ބުންޏެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑަށްޖެއްސުމާއި މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.