ހަމާސް އާއި އިޒްރޭލުން ބުނަނީ ހަނގުރާމަ ދާއިމަށް ނިމޭނެ ކަމަށް
ހަމާސް އާއި އިޒްރޭލުން ބުނަނީ ހަނގުރާމަ ދާއިމަށް ނިމޭނެ ކަމަށް

މީގެ ދެ އަހަރު ކުރިން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދޭން ފެށި ހަމަލާތައް މެދުކަނޑާލަން ހަމާސް އާއި އިޒްރޭލުން ވީ އެއްބަސްވުމުގެ ދަށުން އަސީރުން މިނިވަންކުރުމާ އެކު ހަނގުރާމަ ނިމޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

ހަމާސް އިން ވަނީ މިއީ ހަނގުރާމަ ނިމެނޭ އެއްބަސްވުމެއް ކަމަށް ބުނެފަ އެވެ.

ހަމަލާތައް ހުއްޓުމަކަށް ގެންނަން އިޒްރޭލާއި ހަމާސްއާ ދެމެދު ވީ އެއްބަސްވުމަށް އިޒްރޭލުގެ ކެބިނެޓުން ރުހުންދީ ރަސްމީކޮށް މިރޭ ވަނީ އިއުލާނުކޮށްފަ އެވެ. އެ ބަޔާނުގައި ބުނީ "ޣައްޒާގައި ބަންދުކޮށްފައި ތިބި ދިރިތިބި އަދި މަރުވެފައިވާ ހުރިހާ ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުން" ސަރުކާރުން ގަބޫލުކޮށް ބަލައިގެންފައިވާ ކަމަށެވެ.

"ދިރިތިބި އަދި މަރުވެފައިވާ ރަހީނުން ދޫކޮށްލުމުގެ އޮނިގަނޑު ސަރުކާރުން މިހާރު ވަނީ ފާސްކޮށްފައި."

އޭގެ ކުރިން އިޒްރޭލުން ބުނީ ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައެއް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭންގެ ފުރަތަމަ ފިޔަވަހި ތަންފީޒުކުރުމަށް އެންމެން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ހަމާސް އިން އަސީރުން މިނިވަންކުރުމަކީ ހަނގުރާމަ ނިމުން ކަމަށް ބުނެފައިވެ އެވެ.

ހަމާސް އިން ވެސް ވަނީ މި އެއްބަސްވުމާ އެކު ޣައްޒާގެ ހަނގުރާމަ އެއްކޮށް ނިމޭނެ ކަމަށް ބުނެފަ އެވެ. ހަމާސްގެ މަޝްވަރާ ޓީމުގެ ވެރިޔާ ޚަލީލް އަލް ހައްޔާ ވިދާޅުވީ އެކަމުގެ ޔަގީންކަން އެމެރިކާގެ އިތުރުން ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

މި އިއުލާނުކުރުންތަކާ އެކު ފަލަސްތީނުގެ ރައްޔިތުން އުފާ ފާޅުކޮށް ދުނިޔޭގެ ލީޑަރުން މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް އިޒްރޭލާއި ހަމާސްއާ ދެމެދު އެންމެ ބޮޑަށް ހިޔާލު ތަފާތުވާ ބައެއް ކަންކަން އަދިވެސް ހުރީ ހައްލު ނުވެ އެވެ. އޭގެ ތެރޭގައި ހަމާސް އިން ހަތިޔާރު ބެހެއްޓުމާއި ޓްރަމްޕުގެ ބެލުމުގެ ދަށުން ފަލަސްތީނުގެ އާ ސަރުކާރެއް އެކުލަވާލައި ހަމާސްގެ ބައިވެރިވުން ނެތް ދައުލަތެއް އުފެއްދުމުގެ މަސައްކަތް ކުރާނެ ގޮތް ހިމެނެ އެވެ.

ޣައްޒާ އާއި މުޅި ފަލަސްތީނަށް ދާއިމީ ސުލްހައެއް ގެނައުމަށް އޮތް ޕްލޭނަކީ ކޮބައިކަމެއް އެނގޭކަށް ނެތެވެ.

● މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ހަމާސް ޖަމާއަތުން އިޒްރޭލުގެ 20 އަސީރުން މިނިވަންކުރާނެ.

● އިޒްރޭލުން ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރާނެ. މީގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުންނާއި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އިތުރު 1،700 މީހަކު ހިމެނޭނެ.

● މީހުން މިނިވަންކުރުމުގެ ކަންކަން، އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ ފަށާނެ.

● ފުރަތަމަ ފަސް ދުވަސް ތެރޭ ކޮންމެ ދުވަހަކު މަދުވެގެން 400 ޓްރަކްގެ އެހީ ޣައްޒާއަށް އެތެރެކޮށްދޭން ޖެހޭނެ.

● ޣައްޒާ ސިޓީން ނެރެލި މީހުން ވަގުތުން އެނބުރި އައުމަށް ފުރުސަތު ދޭނެ.

● ކަނޑައަޅާފައިވާ ތާވަލެއްގެ ދަށުން އިޒްރޭލު ސިފައިން ޣައްޒާއިން ފައިބަމުންދާން ޖެހޭނެ އަދި މިކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޔަގީންކަން ދޭންޖެހޭނެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ވަރުގަދަ ހަމަލާތަކެއްގައި 1،139 މީހަކު މަރާލައި 200 އެއްހާ މީހުން އަސީރުންގެ ގޮތުގައި ގެންދިއުމާ އެކު އިޒްރޭލުން ހަމަލާދޭން ފެށީ ހަމާސް ނައްތާލުމުގެ ނަމުގަ އެވެ. މިވީ ދެ އަހަރު ތެރޭ އިޒްރޭލުން ވަނީ ފަލަސްތީނުގެ 67،194 މީހަކު ޝަހީދުކޮށްލައިފަ އެވެ. މި ހަމަލާތަކުގައި 169،890 މީހަކު ޒަހަމްވެފައިވެ އެވެ.