09 އޮކްޓޯބަރ 2025 - 23:44

މިހާތަނަށް 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސްގެ މައުލޫމާތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަށް ދީފައި ނުވާ ކަމަށާއި އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ކަން ނުކުރާ އެންމެން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން މިއަދު ދީފި އެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކޮށްފައި ނުވާ ކަން ރެކޯޑުތަކުން ދައްކަ އެވެ.
އެހެންވެ، އަންނަ ނޮވެމްބަރު 15 އިގެ ކުރިން އެ އެންމެންގެ ބަޔޯމެޓްރިކްސް، އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްޑޭޓު ކުރުމަށް ފަހު ފުރުސަތު ދީފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ކުރުމުގެ މަސައްކަތް އެ ދުވަހާ ހަމައަށް ކުރިއަށް ގެންދާނީ ކުރިއެކޭ ވެސް އެއްގޮތަށް، އެންސީއައިޓީ އިމާރާތުގެ ގްރައުންޑު ފްލޯގައި ގާއިމްކޮށްފައިވާ "ޖޮކް ސެންޓަރު" ން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި ބަޔޯމެޓްރިކްސްގެ މައުލޫމާތު އެކަށީގެންވާ ސަބަބެއް ނެތި އަންނަ މަހުގެ 15 އިގެ ކުރިން އަޕްޑޭޓު ނުކުރާ ހުރިހާ ބިދޭސީން ޑީޕޯޓު ކުރާނެ އެވެ. އަދި އެ މީހުންނަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީ ކޮށްފައިވާ ފަަރާތްތައް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން 50،000ރ. އިން ޖޫރިމަނާކޮށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދިނެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގަން ފެށީ މެއި 2024 ގަ އެވެ.
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓު ކުރުމުގެ މަސައްކަތް ކާމިޔާބު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައި ވަނީ ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަން ކަމަށެވެ.
"މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު އެބަ އެނގޭ ރާއްޖޭގައި ދެ ލައްކައެއްހާ ބޭރު މީހުން އުޅޭކަން. މި އޮތް ހުރިހާ ދުވަސްވީއިރު މިކަން ނޭނގޭ،" ރައީސް ވިދާޅުވެފައި ވެ އެވެ.