އޭސީސީގެ ތަހުގީގަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވެސް ހާޒިރުކުރަނީ
އޭސީސީގެ ތަހުގީގަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވެސް ހާޒިރުކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.

އަމީރު "އެކްސް" ގައި ވިދާޅުވީ، އޭސީސީ އަށް ހާޒިރުވާން އޭނާ އަށް އެންގީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ކަމަށެވެ.

ދިފާއުގައި އަމީރު މިރޭ ވިދާޅުވީ 2019 އިން 2023 އަށް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ.

"ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުން ވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ. ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާ މެދު އެބައޮތް،" ގދ. ގައްދު އަށް އުފަން އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ އޭނާ އޭސީސީ އަށް ހާޒިކުރާތީ އެ ކޮމިޝަންގެ ރައީސް ޝާމިލް އާދަމާއި މެމްބަރުންނަށް ފާޑުވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވި ގޮތުގައި، އޭސީސީގެ ރައީސާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ގެންދަވަނީ "ބޭއިންސާފުން މީހުން ފްރޭމް ކުރަން" މަސައްކަތް ކުރަމުންނެވެ. އެހެންވެ، އެ މަސައްކަތް ހުއްޓާލަން ގޮވައިލެއްވި އެވެ.

އޭނާ ވިދާޅުވީ، އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އާއި ފުލުހުންގެ އިދާރާ އަށް ގެންގޮސް "ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަނޭ" ކަމަށެވެ.

މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު އޭސީސީގެ ތަހުގީގަކަށް އާދިއްތަ ދުވަހު ހާޒިރުކުރާއިރު، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވެސް އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް އެ އިދާރާ އަށް ހާޒިރުވާން އަންގައި ވަނީ ޗިޓު ފޮނުވައިފަ އެވެ.

ފައްޔާޒު އޭސީސީ އަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައި ވަނީ އޭނާ އަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގައި ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.

މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.

ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.

ސައުދުﷲ މިރޭ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން އަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ. އަދި އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިބޫގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ އަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

އެހެންވެ، ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވާ ކަމަށާއި އެކަމަކު ވަކިކުރި ހަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ އަގަށް ފެތޭ ގޮތަށް ފަސް ޕްރޮޖެކްޓެއް ދިން ކަަމަށް ވިދާޅުވި އެވެ.

"އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ވެސް އަދި ޕްރޮޖެކްޓު ވެސް ދީފައި ނުވޭ. މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައި ވަނީ ފައިދާ. ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް،" ސައުދުﷲ ވިދާޅުވި އެވެ.