09 އޮކްޓޯބަރ 2025 - 22:06

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޓްރޭޑްނެޓުގެ ނަން ބަދަލުކުރީ ރައީސް ނެރުއްވި ގަރާރަކުން ކަމަށެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 2019 ވަނަ އަހަރު އުފެއްދީ ރާއްޖޭގައި ވިޔަފާރި ކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކާ "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުކުރައްވަން ރައީސް މުއިއްޒު ނިންމެވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މެންޑޭޓް ތަންފީޒުކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0"ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީ ގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ކަމަށެވެ.