ސެޓުލްމަންޓް ކޮމިޓީން ސްވިފްޓަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް: ސައުދުﷲ
ސެޓުލްމަންޓް ކޮމިޓީން ސްވިފްޓަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް: ސައުދުﷲ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށް އެ ކުންފުނީގެ ވެރިޔާ އަދި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ވެސް މެމްބަރު ސައުދުﷲ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ.

އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިބޫގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ އަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

"އެހެންކަމުން ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވޭ. އެކަމަކު ވަކިކުރި ހަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ ވެލިއު އަށް ފެތޭ ގޮތަށް ފަސް ޕްރޮޖެކްޓެއް ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ވެސް އަދި ޕްރޮޖެކްޓު ވެސް ދީފައި ނުވޭ،" އޭނާ ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައި ވަނީ ފައިދާ. ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް."

ސައުދުﷲ ފޭސްބުކްގައި މި ޕޯސްޓު ކުރެއްވީ ސްވިފްޓް ކުންފުންޏަށް ބަދަލު ދިން ގޮތާ ގުޅޭ ގޮތުން އޭސީސީން ކުރަމުން އަންނަ ތަހުގީގާ ގުޅޭ ގޮތުން ސުވާލުކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އެ ކޮމިޝަނަށް ހާޒިރުވާން މިއަދު އެންގުމުންނެވެ.

އޭސީސީން ފޮނުވި އަމުރުގައި އޮތީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް ފައްޔާޒު އެ އިދާރާއަށް ހާޒިރުވުމަށެވެ.

ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުން ފައްޔާޒަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.

އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.