09 އޮކްޓޯބަރ 2025 - 20:14

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނުން އެ ގައުމުގެ އަމިއްލަ ދަނޑުގައި ކުޅޭ 2-0 ން ރާއްޖެ ބަލިކޮށްފި އެވެ.
ތަޖިކިސްތާނުގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ފުރަތަމަ ހާފުގަ އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު އަށްވަނަ މިނެޓްގައި ޖެހީ ޝަހްރާމް ސެމިއޭވް އެވެ. އޭނާ ލަނޑު ޖެހީ ރުސްތަމް ސޮރިއޭވް ނަގައިދިން ބޯޅައިންނެވެ.
އެ ޓީމުގެ އާ ކޯޗު ގޯރާން ސްޓެވާނޮވިޗް މަގާމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން މަސައްކަތް ކުރީ މަތިން ބޯޅަތަކެއް ދީގެން ހަމަލާ އުފެއްދުމަށެވެ.
އެ ބޯޅަތައް ދިފާއުކުރުމުގައި ރާއްޖޭގެ ޑިފެންޑަރު އަދި ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) އާއި ކީޕަރު މުހައްމަދު ފައިސަލު ވެސް ރަނގަޅު ސޭވްތަކެއް ދޭތެރެ ދޭތެރެއިން ކުރި އެވެ.
ތަޖިކިސްތާނުގެ ދެވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ޖެހީ ޝަބާނީ މަބާތުޝޯވް އެވެ.
ދެވަނަ ހާފުގައި ތަޖިކިސްތާނުން ކުޅުނީ ހަމަޖެހިލައިގެން ތިބެ އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރި ވަރަށް ވުރެ ދެވަނަ ހާފުގައި އެ ޓީމުން އުފެއްދި ހަމަލާތަށް ވެސް މަދެވެ.
މުޅި މެޗުގައި ވެސް ރާއްޖޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފުގައި ތަޖިކިސްތާނުގެ ހަމަލާތައް ދިފާއުކުރަން ފައިސަލް ރަނގަޅު މަސައްކަތެއް ކުރި އެވެ.
މި ދެ ޓީމުގެ ދެވަނަ ލެގް މެޗުގައި އަންނަ އަންގާރަ ދުވަހު ކުޅޭނީ މާލޭގަ އެވެ.
ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާނު ހިމެނޭ ގުރޫޕްގައި ދެން އޮތީ ފިލިޕީންސާއި ޓިމޯލެސްޓޭ އެވެ.
މިއަދު ފިލިޕީންސުން ޓިމޯލިސްޓޭ ބަލި ކުރީ 4-1 ންނެވެ. ފިލިޕީންސާއި ތަޖިކިސްތާނުން ވެސް ވަނީ ނުވަ ޕޮއިންޓް ހޯދާފަ އެވެ. ފިލިޕީންސުން އެއްވަނައިގައި އޮތީ ފައިދާ ލަނޑުން ކުރި ލިބޭތީ އެވެ.