މެމްބަރުން މަޖިލިހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އެޅުން ލާޒިމް ނުވާ އިސްލާހެއް
މެމްބަރުން މަޖިލިހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އެޅުން ލާޒިމް ނުވާ އިސްލާހެއް

ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އިިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ޓައީ ނާޅުއްވައި މަޖިލިހުގެ ޖަލްސާތަކަށް ވަޑައިގަންނަވަން މި ފަހުން ފެއްޓެވުމާ ގުޅިގެން، ޓައީ އެޅުއްވުމަކީ މަޖުބޫރު ކަމަކަށް ނުވާ ގޮތަށް މަޖިލިހުގެ ގަވާއިދުގައި ހިމަނަން އާންމު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިގަންނަވާއިރު، އެ ބޭފުޅުން ހެދުން އަޅުއްވަންވީ ގޮތުގެ އުސޫލު، މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމެނުމަށް އާއްމު ކޮމިޓީން އިއްޔެ ފާސްކުރީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.

އެކަމަކު، މި އިސްލާހު މަޖިލީހުގެ ގަވާއިދުގައި ހިމެނޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

މަޖިލީހުގެ މެންބަރުންގެ ރަސްމީ ހެދުމަކީ ކޮބައިކަން ގަވާއިދުގައި ކަނޑައަޅަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް ހުށަހެޅުއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރާތީ ކުރައްވާ އިހުތިޖާޖެއްގެ ގޮތުގައި އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުއްވުން ހުއްޓަވައިލެއްވުމުންނެވެ.

އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނަމަވެސް ކުޑޫ ފަހުން ވަނީ އޭނާގެ ނިންމުން ބަދަލުކުރައްވައި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅުއްވަން ފައްޓަވައިފަ އެވެ.

މަޖިލިހުގެ ރައީސްގެ ހުށަހެޅުއްވުން ދިރާސާކުރުމަށް ފަހު ގަވާއިދަށް އިތުރުކުރަން އާއްމުކޮމިޓީން އެކުލަވައިލި ޖަދުވަލުގައި ރަސްމީ ހެދުމުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ހަތަރު ބާވަތެއްގެ ހެދުމެވެ.

● ކޯޓުފަޓުލޫނު.

● ގައުމީހެދުން/ ދިވެހި ސަގާފީހެދުން.

● ގަމީހާއި ޓައީ އާއި ފަޓުލޫނު.

● ދިވެހިރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން.

ރަސްމީ ހެދުމުގެ ގޮތުގައި ގަމީހާއި ޓައީ އާއި ފަޓުލޫނު ގަވާއިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ރާއްޖޭގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން ކަމަށް އޮތުމުން، އެއީ ޓައީ ނާޅައި ހަމަ އަތްދިގު ގަމީސް ލާފައި ދަށަށް ޖަހައި، ބޫޓަށް އެރުން ކަމަށް މާނަ ކުރެވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ "ޖަދުވަލު 5"ގެ ގޮތުގައި ގަވާއިދަށް އިތުރު ކުރަން އާއްމު ކޮމިޓީން ފާސްކުރި ޖަދުވަލުގައި، މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު، އެޅުން ހުއްދަ ނޫން ހެދުންތައް ހިމަނާފައިވީ ނަމަވެސް ޓައީ އެޅުމުގެ ވާހަކައެއް ނެތެވެ.

1 - ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުން.

2 - ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުން.

3 - އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުން.

4 - އެއްވެސް ބާވަތެއްގެ ޖީންސް.

5- ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު.

6 - ޓީޝާޓް ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން.

7 - ފެންފައިވާނާއި ޓެނިސް އަދި ޖޮގިން ޝޫޒް

އާއްމު ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ ގަވާއިދާ ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އަޅާނީ މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެ މާއްދާގައި ގިނަ އަދަބުތަކެއް ހުރި އިރު އެންމެ ބޮޑު އަދަބަކަށް އޮތީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުމުން މަހުރޫމު ކުރުމެވެ.

އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ މި ގަވާއިދަށް، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރާ، މެންބަރުން ނޫން މީހުން ވެސް އަމަލުކުރަން ޖެހޭނެ އެވެ.