09 އޮކްޓޯބަރ 2025 - 18:39

އިސްލާމިކް ފައިނޭންސްގެ ދަށުން ބޯހިޔާވަހިކަން ހަމަޖެއްސުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރަން މިއަދު ފަށައިފި އެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ "ހިޔާވެހި" ފައިންނޭންސިން ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ނުވަތަ ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ "ހިޔާވެހި" ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
• ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
• އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ 20 ޕަސެންޓް ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ
• އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވޭ
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ޒިންމާދާރު ބޭންކެއް ކަމަށާއި އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ޒިންމާ ކަމަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ކަމަށް ބޭންކުގެ ބަޔާނުގައި ބުންޏެވެ.
"ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާއި ވަކިން އޮތް ކަމެއް ނޫން. ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައި ވަނީ ދިވެހި އިގްތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިން ސްކީމް ތައާރަފުކުރުމާ އެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ނިންމިން،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ބޭންކެއް."
ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުން މިހާރު ވެސް އަންނަނީ މި ސްކީމްގެ ދަށުން ފައިނޭންސިން އަށް އެދުނު 1،400 އަށް ވުރެ ގިނަ އެޕްލިކޭޝަންތައް ބަލައި، ޕްރޮސެސް ކުރަމުންނެވެ.
ފައިނޭންސިން އަށް އެދި ހުށަހަޅާފައިވާ މީހުން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ވެސް މި ފައިނޭންސް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
"ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ފައިނޭންސިން އަށް އެދި 2،256 މީހަކު ހައުސިން މިނިސްޓްރީއަށް ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ތިން ކެޓަރީއަކުން ދޭ ލޯނަށެވެ.
• ރަށްވެހި: ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ މި ފައިނޭންސިން އަށް 1،329 މީހަކު ފޯމު ހުށަހެޅި.
• ސަހަރު: އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ މި ފައިނޭންސި އަށް 586 މީހަކު ފޯމު ހުށަހެޅި.
• ފަހިމާލެ: މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ފައިނޭންސިން އަށް 341 މީހަކު ފޯމު ހުށަހެޅި.
"ހިޔާވެހި" ސްކީމްގެ ދަށުން ފައިނޭންސިން ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ފައިނޭންސިން ނަގާ މީހުންނަށް އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.
ނަމަވެސް، އާބަން ސަރަހައްދުތަކުގެ ފައިނޭންސިން ނަގާ މީހުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ މީހުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
ގެދޮރު އަލަށް އިމާރާތް ކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.