09 އޮކްޓޯބަރ 2025 - 18:10

ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެމްޕީއެލް އިން ވެސް އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޕީއެލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެ ކުންފުނީގެ ހުޅުމާލެ ޓާމިނަލް އިން ގެއްލިފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައަކީ ފުލުހުންގެ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށް ވުމާ އެކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް އެމްޕީއެލުން ބުންޏެވެ.
"އަދި، މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ވެސް އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާކަން މީޑިއާގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ ކުންފުނިން ފޮނުވި މެސެޖުގައި ބުންޏެވެ.
އެމްޕީއެލުން ބުނީ މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާ އެއްގޮތަށް އެ ކުންފުނިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ތަންފީޒު ކުރާނެ ކަމަށެވެ.
ގެއްލިފައި ވަނީ ސައުދީގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ އަށް ވަގަށް އެތެރެކުރި ދެ ކޮންޓެއިނަރުގައި ރައްކާ ކޮށްފައިވާ ސިނގިރޭޓްތަކެކެވެ.
އެއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ކަމަށް ވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ އެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު، އެ ދެ ކޮންޓެއިނަރު ހުޅުމާލެ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގަ އެވެ. އެމްޕީއެލްއާ އެ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރެޓްތައް ނައްތާނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ތަހުގީގު އަދިވެސް ކުރިއަށް ދަނީ. އޭގެ ތެެރެއިން ބައެއް ކަންކަން މިހާރު ވާނީ ޕީޖީއާ ހަމައިގައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިނގިރެޓް ކޮންޓެއިނަރުތައް ނެތް ކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އެ ހިސާބުން މައްސަލައިގެ ތަހުގީގު ފުލުހުންނާ ގުޅިގެން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.