ކައުންޓަރެއް ނެތަސް ޑޮލަރު މާރުކުރެވޭ ގޮތަށް ގަވާއިދަށް އިސްލާހެއް
ކައުންޓަރެއް ނެތަސް ޑޮލަރު މާރުކުރެވޭ ގޮތަށް ގަވާއިދަށް އިސްލާހެއް

ފައިސާ މާރުކުރުމުގައި ކައުންޓަރުތަކެއް ނެތަސް އެއް ވިޔަފާރިން އަނެއް ވިޔަފާރި އަށް ފައިސާ ޖަމާކުރެވޭނެ ގޮތަށް މަނީ ޗޭންޖިން ވިޔަފާރިތަކާ ބެހޭ ގަވާއިދަށް އިސްލާހެއް ގެނެސްފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު އާންމުކުރި އިސްލާހުގައިވާ ގޮތުން ޓިއާ 1 ގެ ދަށުން ދެ ކެޓަރީއެއް ކަނޑައަޅާފައި ވެ އެވެ.

އެ ގަވާއިދުގައި ކުރިން ކަނޑަައަޅާފައިވާ ގޮތުން ދެ ޓިއާއެއްގެ ދަށުން ލައިސަންސް ދޫކުރެ އެވެ. ޓިއާ 1 އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސެވެ. ޓިއާ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސެވެ. ޓިއާ 2 ހާއްސަ ކޮށްފައިވާ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށެވެ.

އެ ގަވާއިދަށް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ޓިއާ 1 ގެ ދަށުން ވަކި ކޮށްފައިވާ ދެ ކެޓަގަރީ:

ކެޓަގަރީ އޭ: އާންމުންނަށާއި ވިޔަފާރިތަކަށާއި އެހެން ވެސް ފަރާތްތަކަށް އަމާޒު ކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން.

ކެޓަގަރީ ބީ: ވިޔަފާރިތަކަށް އެކަނި އަމާޒު ކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން.

އެ ގަވައިދުގައިވާ ގޮތުން ކެޓަގަރީ އޭގެ ދަށުން ފައިސާ މާރު ކުރުމަށްޓަކައި އެ އިދާރާއެއްގެ ދާއިމީ ތަނުގެ އިތުރުން އެހެން ތަނެއްގައި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހިދުމަތް ދިނުމަށް ގަސްދު ކުރާ ނަމަ އެކަމަށް އެދި ހުށަހަޅޭނެ އެވެ. ހުއްދަ އަށް އެދި ހުށަހެޅުމުން އެ އޮތޯރިޓީ އަށް ފެންނަ ޝަރުތު ތަކެއް ނުވަތަ ވަކި އުސޫލެއްގެ ތެރެއިން ހުއްދަ ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އިތުރު ތަނެއްގައި ނުވަތަ ކައުންޓަރު ނޫން އެހެން ގޮތަކަށް ފައިސާ މާރުކުރުމުގެ ހުއްދައަށް އެދޭ ނަމަ ފީއެއްގެ ގޮތުގައި 40،000ރ. ނަގާނެ އެވެ. އެޕްލިކޭޝަން ހުށަހަޅާ އިރު ދައްކަން ޖެހޭ އެ ފީއަކީ، ހުއްދަ ދޫނުކުރާ ހާލަތެއްގައި ވެސް އެ ފަރާތަކަށް އަނބުރާ ދެވޭނެ ފައިސާއެއް ނޫން ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ހުއްދަ އާ ކުރަން ހުށަހަޅާއިރު، އެޕްލިކޭޝަން ފީއެއްގެ ގޮތުގައި 20،000ރ. ހުށަހަޅަން ޖެހޭނެ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހިދުމަތް ދިނުމުގެ ދާއިމީ ތަން ނުވަތަ ނުވަތަ އިތުރު ތަނަކަށް ބަދަލުކުރި ނަމަވެސް އެޑްރެހަށް ބަދަލެއް އައިސްފި ނަމަ އެ އޮތޯރިޓީގެ ހުއްދައެއް ހޯދަން ޖެހޭނެ އެވެ.

ޓިއާ 1 ގެ ދަށުން މަނީ ޗޭންޖިން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުނ،ް އަހަރީ ފީއެއްގެ ގޮތުގައި 48،000ރ. ދައްކަން ޖެހޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އަދި ހުއްދަ ދޭ އިތުރު ކޮންމެ ތަނަކަށް 24،000ރ. ގެ މަގުން އަހަރީ ފީއެއް ދައްކަން ޖެހޭނެ ކަމަށް ބުންޏެވެ.

ކުރިން އެ ކެޓަގަރީގެ ދަށުން އަހަރީ ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ 24،000ރ. އެކަންޏެވެ. ޓިއާ 1ގެ ދަށުން ހުއްދަ ދޫކުރާ މުއްދަތަކީ ފަސް އަހަރެވެ.

އާ އިސްލާހުގައިވާ ގޮތުން، ކެޓަގަރީ އޭ ވިޔަފާރިކުރުމަށް ޓިއާ 1 ގެ ދަށުން ނަގުދު ފައިސާއިން މުއާމަލާތް ކުރެވޭނީ 50،000ރ. ނުވަތަ އެ އަށް ވާ ބޭރު ފައިސާގެ އަދަދެކެވެ. އިތުރަށް ފައިސާ މާރު ކުރާ ނަމަ އެ މުއާމަލާތްތައް ކުރަން ޖެހޭނީ ބޭންކް އެކައުންޓްތައް މެދުވެރިކޮށެވެ.

ޓިއާ 1 ގެ އިތުރުން ޓިއާ 2 ގެ ފީތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މިހާރު ޓިއާ ދޭއްގެ ދަށުން ރަޖިސްޓަރީ ކުރާ ނަމަ އެޕްލިކޭޝަން ފީއެއްގެ ގޮތުގައި 2،600 ޑޮލަރު ހުށަހަޅަން ޖެހެ އެވެ. ލައިސަންސް އާ ކުރާ ނަމަ 1،300 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވެ އެވެ. ކުރިން އެ ކެޓަގަރީގެ ލައިސަންސަށް އެދި ހުށަހަޅާ ނަމަ ފީއަކީ 1،300 ޑޮލަރެވެ.