09 އޮކްޓޯބަރ 2025 - 17:33

ދިވެހި ކޮންޓްރެކްޓަރުންނާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކި ކަހަލަ މަސައްކަތްތަކަށް ހާއްސަކޮށް ގަވައިދެއް އެކުލަވައިލުމުން ދިވެހިންނަށް އެ ދާއިރާގައި ވިޔަފާރި ފުޅާކުރަން އިތުރަށް ފުރުސަތު ފަހިވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އިކޮނޮމިކް މިނިސްޓްރީން އިއްޔެ ޝާއިއުކުރި "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓް" އެކުލަވައިލުމުގައި އެ ޖަމިއްޔާގެ ހިޔާލާއި މަޝްވަރާ ހޯދި ކަމަށެވެ. އަދި މަސީން ހުށަހެޅި ކަންކަމަށް ސަރުކާރުން ރިޔާއަތް ކޮށްފައި އޮތުމުން ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.
މަސީން އެދުނީ ގެނައި ބަދަލާ އެކު، ދިވެހިންނަށް ތަނަވަސް ކޮށްދީފައިވާ ފުރުސަތުގެ ބޭނުން ހިފައި، ކުންފުނިތަކަށް ހާއްސަ ކޮށްފައިވާ ދާއިރާތަކުގައި އިންވެސްޓް ކުރުމާއި މަސައްކަތްތަކުގެ ހިދުމަތްތައް ފުޅާކުރުމަށާއި ދާއިރާތަކުގައި މަސައްކަތް ކުރި ބިދޭސީ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމުން އެކަމުގައި ދިމާވާނެ ދަތިތަކަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަށެވެ.
ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން އެކުލަވައިލި ގަވައިދަށް ގެނައި އާ އިސްލާހުގައި ވަނީ، ދިވެހިންނަށް ހާއްސަކޮށްފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި ލޮޖިސްޓިކްސްގެ ހިދުމަތާއި އާންމު ކަނޑުދަތުރުފަތުރުގެ ހިދުމަތާއި ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ވެސް ހިމަނައިފަ އެވެ.
އޭގެ އިތުރުން ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭ ވެސް އެއްގޮތަށް ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކާ އެކު ދިވެހިންނަށް އާ އިސާލާހުގެ ދަށުން ވެސް ލިބޭނެ އެވެ.