09 އޮކްޓޯބަރ 2025 - 15:58

ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރެޓްތައް އެތެރެކުރީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕްގެ ނަމުގައި ގެނައި ކޮންޓެއިނަރުތަކަކަށް ލައިގެން ކަން އެނގިއްޖެ އެވެ.
"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ސިނގިރެޓްތައް އަޅާފައިވާ ދެ ކޮންޓެއިނަރު އެތެރެކުރީ ބިންލާދިން ގްރޫޕުގެ ޕްލައިވުޑް ކޮންޓެއިނަރު ތަކެއްގެ ނަމުގަ އެވެ.
ބިންލާދިން ގުރޫޕުން އަންނަނީ ރާއްޖޭގައި ތަފާތު ޕްރޮޖެކްޓުތައް ހިންގަމުންނެވެ. އެންމެ ފަހުން އެ ގުރޫޕުން ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމުމެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ސިނގިރެޓްތައް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ ރޭގެ ވަގުތެއްގައި ކަމަށް އެ އިދާރާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި، ތަހުގީގު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު، އެ ދެ ކޮންޓެއިނަރު ހުޅުމާލެ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގަ އެވެ.
އެމްޕީއެލްއާ އެ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރެޓްތައް ނައްތާނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ތަހުގީގު އަދިވެސް ކުރިއަށް ދަނީ. އޭގެ ތެެރެއިން ބައެއް ކަންކަން މިހާރު ވާނީ ޕީޖީއާ ހަމައިގައި،" އޮފިޝަލް ވިދާޅުވި އެވެ.
ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވީ، ރާއްޖެ އަށް އެތެރެކުރާ މުދާތަކުގެ ލިޔެކިޔުން ފުރިހަމަކޮށް، ކްލިއާ ކުރެވެންދެން އަބަދުވެސް ބަހައްޓަނީ ބަނދަރު ބަލަހައްޓާ ކުންފުނި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އެއީ އަބަދުވެސް އަމަލުކުރާ އުސޫލު ކަމަށް ވާތީ ތަހުގީގު ނުނިމޭ މައްސަލަތަކާ ގުޅުން ހުރި ތަކެތި ވެސް ބަހައްޓަނީ ބަނދަރު ބަލަހައްޓާ ފަރާތުގެ ބެލުމުގެ ދަށުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.