09 އޮކްޓޯބަރ 2025 - 16:05

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ކޮމިޝަނަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
އެ ކޮމިޝަނުން ފޮނުވި އަމުރުގައި އޮތީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް ފައްޔާޒު އެ އިދާރާއަށް ހާޒިރުވުމަށެވެ.
ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުން ފައްޔާޒަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.
މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
މި އަމުރު ލިބުމުން ފައްޔާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލުނުކުރައްވާ ކަމަށެވެ.
"ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިނިވަން މުއައްސަސާތައް "ހަގީގަތުގައި ވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން" މިހާރު ސާފުވާ ކަމަށެވެ.
މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖައްސަން އުޅުނަސް އަދި އެންމެން ޖަލަށް ލިއަސް ޑިމޮކްރެޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީ ހައްގުތައް އަނެއްކާ ވެސް ކަށަވަރުކޮށްދޭން ކުރަންޖެހޭ މަސައްކަތްކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވެސް ވިދާޅުވި އެވެ.