ވަޒީފާއަށް ދަރިވަރުން އަހުލުވެރި ކުރުވަން ޣިޔާސުއްދީންގައި މަސައްކަތުގެ ތަޖުރިބާގެ ޕްރޮގްރާމެއް
ވަޒީފާއަށް ދަރިވަރުން އަހުލުވެރި ކުރުވަން ޣިޔާސުއްދީންގައި މަސައްކަތުގެ ތަޖުރިބާގެ ޕްރޮގްރާމެއް

ވަޒީފާގެ މާހައުލަށް ދަރިވަރުން އަހުލުވެރިކުރުވަން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން "ވޯކް އެކްސްޕީރިއަންސް" ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ، އަމަލީ ތަޖުރިބާ ހޯދައިދޭން ފެށީ ވަޒީފާގެ މާހައުލު ދެނެގަނެ، ކިޔަވާ އެއްޗެއް ދިރިއުޅުމާ ގުޅުވާލުމަށް ގެންދާ ކެރިއާ ގައިޑެންސް ޕްރޮގްރަމުގެ ތެރެއިން ގްރޭޑް 8-9 ގެ ދަރިވަރުންނަށް ކަމަށެވެ.

އެ ޕްރޮގްރާމް ފަށާފައިވަނީ 13 ކުންފުންޏަކާއެކުގަ އެވެ. އޭގެ ތެރޭގައި ސަރުކާރު އަދި އަމިއްލަ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. އެއީ:

- އުރީދޫ

- އޭޑީކޭ

- ވިލާ ކޮލެޖު

- އެސްއެޗްސީ ލޯ އެންޑް ޓެކްސް

- އެމްޓީސީސީ

- އެމްޑަބްލިއުއެސްސީ

- މަންތާ އެއާ

- ޕެންޝަން އޮފީސް

- ގެޑޯ ކޮންސަލްޓިން

- ޖަވާބު

- ބަނޑޮސް މޯލްޑިވްސް

- ފޮރިން މިނިސްޓްރީ

- މޯލްޑިވްސް އިސްލާމިކް ބޭންކް

ތޯހާ ވިދަޅުވީ އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ދަރިވަރުން ހަތަރު ތަނަކުން މަސައްކަތު ތަޖުރިބާ ހޯދަންޖެހޭ ކަމަށެވެ. ކޮންމެ ތަނެއްގައި 10 ގަޑިއިރު ހަމަކޮށް، ގްރޭޑު 9 ނިމުމުގެ ކުރިން މުޅި ޖުމްލަ 40 ގަޑިއިރު ހަމަކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް އެ ދެ ގްރޭޑުގައި ކިޔަވާ 180 ދަރިވަރުންގެ ތެރެއިން، ދެބައިކުޅަ އެއްބައި ކުދިންނަށް ވަނީ ތަޖުރިބާ ހޯދަން ޖާގަ ލިބިފަ އެވެ. ބާކީ ދަރިވަރުންނަށް ވެސް، އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ފުރުސަތެއް ލިބެންދެން މަޑުކުރެވޭނެ ކަމަށް ތޯހާ ވިދާޅުވި އެވެ.

"ކުންފުނިތަކާއި އިދާރާތަކުން ލިބޭ ތަޖުރިބާއަށް ބަލާތީ އޭގައި ބައިވެރިވުމަށް އަދި މަޖުބޫރެއް ނުކުރަން. ކުދިންގެ އިހުތިޔާރުގައި އޮތީ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު، ބައިވެރިވުން މަޖުބޫރު ކަމެއްގެ ގޮތުގައި މި ޕްރޮގްރާމް ފަހުން ހިންގާނީ."

ސަރުކާރުގެ ސްކޫލުތަކުގައި ވެސް ގްރޭޑު 9 ނިންމުމުގެ ކުރިން މީގެ ކުރިން މަސައްކަތު ތަޖުރިބާ ހޯދަންޖެހެ އެވެ. އެކަމަކު، އޭރު ވެސް އެކަން އޮތީ އިހުތިޔާރީ ކަމެއްގެ ގޮތުގަ އެވެ. އެހެންވެ، ވަކި ހިސާބަކުން އެކަން ހުއްޓިގެން ދިޔައީ އެވެ.