09 އޮކްޓޯބަރ 2025 - 14:27

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތް ހެދުމަށް މިއަދު އެތަނުގައި ބޮއި އަަޅައިފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ޗެނަލް ޕާކުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވުމާ އެކު، އެ ސަރަހައްދު ފާހަގަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ސަރަހައްދު ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ވަނީ ޗެނަލް ޕާކުގެ ހުޅަނގު ފަރާތުން މޫދުގައި ބޮއި އަޅައިފަ އެވެ.
އެޗްޑީސީން ކުރިން ކުރި އިއުލާނެއްގައި ބުނީ އެ ޗެނަލް ޕާކަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މޫދަށް އެރެން ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންނަށް ރައްކާތެރި ކަމެއް ނޫން ކަމަށާއި މުރަކަ އާލާކުރުމަށް ވެސް ހުރަސްއެޅޭނެ ކަމަކަށް ވާތީ، އެ ސަރަހައްދަށް އުޅަނދުތައް ވަނުން މަނާކުރީ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މީގެކުރިން އެތަނުގައި މޫދު ކުޅިވަރު ކުޅުމަށް ގެންގުޅޭ ޖެޓްސްކީ އާއި އެހެން ވެސް މޫދުގައި ދުއްވާ އުޅަނދުތައް އާންމުން ބޭނުންކުރި އެވެ. ނުރައްކާތެރިކޮށް ބައެއް މީހުން އެ އުޅަނދުތައް ދުއްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
އެޗްޑީސީ އާއި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި)އާ ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް"ގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 22 ގަ އެވެ.