09 އޮކްޓޯބަރ 2025 - 13:31

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އައްޔަނުކޮށްފި އެވެ.
މިއާ އެކު ޓޮމް ވެފައިވަނީ، ފީފާގެ ދާއިމީ ކޮމިޓީއަކަށް އައްޔަނުކުރެވުނު ފުރަތަމަ ދިވެއްސަށެވެ.
މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި އެ ކޮމިޓީ އަށް ޓޮމް ހަމަޖެއްސީ މި އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ކުރިއަށްދާ ދައުރަށެވެ.
އެފްއޭއެމުން ބުނީ ފީފާގެ މި ޝަރަފްވެރި ކޮމިޓީ އަށް ޓޮމް އައްޔަނުކުރެވުމުން ދައްކުވައިދެނީ ރާއްޖޭން ފުޓްބޯޅައިގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަތުން ކަމަށެވެ.
ފީފާ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަކީ، ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމުގެ ސްޓްރެޓެޖީތައް ކަނޑައަޅާ އެއް ބޮޑީ އެވެ. އެގޮތުން ޓެކްނިކަލް އެޑްވާންސްމެންޓާއި، ގްރާސްރޫޓް ޕްރޮގްރާމްތަކާއި، ކޯޗުންގެ އެޑިއުކޭޝަނުގެ ކަންކަން އެ ކޮމިޓީން ވިލަރެސްކުރެ އެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދެކުނު އޭޝިއާގެ ހަމައެކަނި މެމްބަރަކީ ވެސް ޓޮމް އެވެ. ކޮމިޓީގެ ޗެއާޕާސަންއަކީ ޖޯޖިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލެވަން ކޮބިއަޝްވިލީ އެވެ.
އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކުޑަ ދުވަސްކޮޅަކު ކުރެއްވި ޓޮމް އަކީ، ކުރީގެ ހުނަރުވެރި ފޯވާޑެކެވެ. އޭނާ އަކީ 2003 އިން ފެށިގެން ރިޓަޔާކުރުމާ ހަމަޔަށް ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެގޮތުން ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފުރަތަމަ އެގާރައިގައި ކުޅުނެވެ. ކްލަބް ލެވެލްގައި އޭނާ ވަނީ ނިއު ރޭޑިއަންޓާ އެކު އެތައް ކާމިޔާބެއް ހޯއްދަވައިފަ އެވެ.