ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރެޓް އެމްޕީއެލް ބަނދަރުން ގެއްލިއްޖެ
ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރެޓް އެމްޕީއެލް ބަނދަރުން ގެއްލިއްޖެ

ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލިއްޖެ އެވެ.

މިއީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

ކަސްޓަމްސްގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު، އެ ދެ ކޮންޓެއިނަރު ހުޅުމާލެ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގަ އެވެ. އެމްޕީއެލްއާ އެ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރެޓްތައް ނައްތާނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ތަހުގީގު އަދިވެސް ކުރިއަށް ދަނީ. އޭގެ ތެެރެއިން ބައެއް ކަންކަން މިހާރު ވާނީ ޕީޖީއާ ހަމައިގައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިނގިރެޓްތައް ދެ ކޮންޓެއިނަރުގައި ނެތް ކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އެ ހިސާބުން މައްސަލައިގެ ތަހުގީގު ފުލުހުންނާ ގުޅިގެން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވީ، ރާއްޖެ އަށް އެތެރެކުރާ މުދާތަކުގެ ލިޔެކިޔުން ފުރިހަމަކޮށް، ކްލިއާ ކުރެވެންދެން އަބަދުވެސް ބަހައްޓަނީ ބަނދަރު ބަލަހައްޓާ ކުންފުނި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އެއީ އަބަދުވެސް އަމަލުކުރާ އުސޫލު ކަމަށް ވާތީ ތަހުގީގު ނުނިމޭ މައްސަލަތަކާ ގުޅުން ހުރި ތަކެތި ވެސް ބަހައްޓަނީ ބަނދަރު ބަލަހައްޓާ ފަރާތުގެ ބެލުމުގެ ދަށުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސް އިން އަދިވެސް ހާމައެއް ނުކުރެ އެވެ.