09 އޮކްޓޯބަރ 2025 - 13:31

މިދިޔަ ހަފުތާގައި ފުލުހުންނަށް ރިޕޯޓްކުރި ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު 200،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
ފުލުހުން މިއަދު ވަނީ އެންޓި ސްކޭމް ސެންޓަރުގެ މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހުގެ 28 އިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ނުވަތަ މިދިޔަ ހަފުތާގައި އެކަނި ވެސް ސްކޭމްގެ 42 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. އެ މައްސަލަތަކުގައި ޖުމްލަ 318،342.50ރ. ގެއްލުނެވެ. އޭގެ ތެރެއިން 221،243.33ރ. ފުލުހުން މިހާތަނަށް ވަނީ އަނބުރާ ހޯދައިފަ އެވެ.
ފުލުހުން ބުނީ މިދިޔަ ހަފުތާގައި ރިޕޯޓްކުރި ސްކޭމްގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ. އެ ބާވަތުގެ 19 މައްސަލައެއްގެ ރިޕޯޓު ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
ފައިސާ އެކްސްޗޭންޖު ކުރުމުގައި ސްކޭމް ކުރި ހަ މައްސަލައެއް ވެސް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިމްޕާސޮނޭޝަންގެ ހަތް މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ ތިން މައްސަލައަކާއި އެހެނިހެން ބާވަތުގެ ހަތް މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެންޓި ސްކޭމްގެ ސެންޓަރުގެ މިދިޔަ ހަފުތާގެ ތަފާސްހިސާބަށް ބަލާއިރު، ސްކޭމްތައް ހިންގަން އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ ފޯންކޯލާއި އައިބޭ އާއި އޮންލައިން މެސެޖިން އެޕްތަކާއި ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް ކަހަލަ ޕްލެޓްފޯމްތަކެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން ފައިސާ ދިނުމުގެ ކުރިން އެ މީހެއްގެ ނުވަތަ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސްކޭމަރުން ކާމިޔާބު ވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށް ވާތީ، މި ކަހަލަ މައްސަލަތައް ވީހާ ވެސް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ[email protected]އަށް އީ-މެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.