މަސްތުވާތަކެއްޗާ އެކު ހުޅުމާލެއިން ހަތަރު ޒުވާނަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ އެކު ހުޅުމާލެއިން ހަތަރު ޒުވާނަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހުން މިދިޔަ އަންގާރަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހަތަރު ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި އުމުރުން 18-26 އަހަރުގެ ހަތަރު ޒުވާނުންނެވެ. އޭގެ ތެރެއިން ތިން ޒުވާނަކު ނިސްބަތް ވަނީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު އެއް ރަށް ކަމަށްވާ ނ. ވެލިދުއަށެވެ.

މި މައްސަލާގައި ހައްޔަރުކުރީ:

1- އިބްރާހިމް ރިޔާޒް، 18 (ނ. ކުޑަފަރި، ލިލީގެ)

2- މުހައްމަދު ހަލަފް އިބްރާހިމް، 18 (ޖަވާހިރުމާގެ. ނ. ވެލިދޫ)

3- ހަސަން ނާއިމް، 26 (ޑޭޒީމާގެ، ނ. ވެލިދޫ)

4- އަހުމަދު މައިޝާން ނަސީމް، 20 (ރެޑިޔަމްވިލާ، ނ. ވެލިދޫ)

ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކުރީ ހުޅުމާލޭ އެޕާޓްމަންޓަކުން ކަމަށެވެ. އެ ތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމުން އެ ހަތަރު ޒުވާނުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.

އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 28.61 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ ންމެންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހަތަރު ޒުވާނުން ތެރެއިން ހަލަފް އަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކެވެ. ހަލަފް ފިޔަވައި އެންމެންގެ ބަންދަށް 15 ދުވަސް ޖެހުމަށް ފަހު، ޝަރުތުތަކަކާ އެކު އޭނާ ކޯޓުން ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވާތީ އެވެ.