09 އޮކްޓޯބަރ 2025 - 14:06

ކާރުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ފަހު އެކްސިޑެންޓް ރިޕޯޓު ނުކޮށް ދިޔަ ފުލުހަކު ހައްޔަރުކުރުމުން ކޯޓުން އެ މީހާ ދޫކޮށްލައިފި އެވެ.
މިދިޔަ މަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ހައްޔަރުކުރީ މުހައްމަދު ހަސަން، 33، މއ. ސައީދުވާދީ އެވެ.
މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ފިތުރޯނު މަގުން ވެމްކޯ ކައިރިން ކަމަށް، މުހައްމަދު ހަސަން ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވެ އެވެ.
އެ އަމުރުގައިވާ ގޮތުން، އެކްސިޑެންޓު ހިނގުމުން ޕޮލިސް މީހާ ވަނީ އަނިޔާވި މީހާ ފުލުސް މީހާގެ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ. ނަމަވެސް އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓެއް ނުކުރެ އެވެ.
ކޯޓުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވާ ގޮތުގައި، އެ ފުލުސް މީހާ ހައްޔަރުކުރީ އެކްސިޑެންޓު ރިޕޯޓު ނުކޮށް ފިލާފައި ވާތީ އެވެ.
އެކަމަކު އެ ފުލުސް މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ އަކީ މިހާރުވެސް ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ކަމަށް ވުމާއި އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރަންޖެހޭ ހާލަތެއް ނެތުމެވެ.