09 އޮކްޓޯބަރ 2025 - 12:56

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބުނު މީހުންގެ ތެެރެއިން ތަޅުދަނޑި ހަވާލުކުރި ބައެއް މީހުން އެ ތަނުގައި ދިރިއުޅެން ފަށައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ފްލެޓް ލިބުނު މީހުންނަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ މަހުގެ 28 ގަ އެވެ. ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފެށިގެން ފްލެޓް ލިބުނު މީހުންނަށެވެ.
އެފްޑީސީގެ އޮފިޝަލަކު، "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް 78 މީހަކަށް ވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފަ އެވެ. އެ ޓަވަރަށް ކަރަންޓާއި ފެން މިހާރު ގުޅައިދީފައިވާ ކަމަށާއި އެހެންވެ ތަޅުދަނޑި ހަވާލުކުރުމާ އެކު، ފްލެޓުތަކަށް މީހުން ވަދެ އެ ތަނުގައި ދިރިއުޅެން ފެށުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކަން ނުޖެހޭނެ ކަމަށާއި އެކަމަކު މެއިންޓެނަންސް ފީ ދައްކަން ޖެހޭނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ތަނުގައި މިހާރު ހައެއްކަ އާއިލާ އަންނަނީ ދިރިއުޅެމުންނެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރާ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ.
ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.
- ދެ ކޮޓަރީ : މެއިންޓެނަންސް ފީއާ އެކު ފްލެޓްގެ އަގަކީ 8،000ރ. - ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހޭ.
- ތިން ކޮޓަރި : މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. - ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހޭ.
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭ 4،000 ފްލެޓްގެ ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރު ނެގުން އިއްޔެ ވަނީ ބާއްވައިފަ އެވެ. ލިބޭ ފްލެޓްތަކުގެ ވަކިވަކި ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ގައި ބޭއްވި ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންނާއި 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންގެ މެދުގައި އިއްޔެ ގުރު ނެގި އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކެއް މީހުންނާ ހަވާލުކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެެ.