09 އޮކްޓޯބަރ 2025 - 11:30

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނުގެ ޓީމު ގޮވައިގެން މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އިހްތިރާމު ކުރަމުން ކަމަށް އެގައުމުގެ ގައުމީ ޓީމުގެ އާ ކޯޗު ގޯރާން ސެޓަވާނޮވިޗް ބުނެފި އެވެ.
ރާއްޖޭގެ ކުރީގެ އެސިސްޓެންޓް ކޯޗު ގެލާ ޝެކިލާޒޭ، ތަޖިކިސްތާނުގެ ހެޑް ކޯޗުކަމުން މިދިޔަ މަހު ވަކި ކުރުމަށް ފަހު، އެ ގަމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ސާބިއާގެ ސެޓެވާނޮވިޗާ ގައުމީ ޓީމު ހަވާލު ކުރީ މިދިޔަ ހަފުތާގަ އެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންގައި ގާނާ އަށް ކޯޗުކޮށް ދިން ސްޓެވާނޮވިޗް އޭޝިއާ ޓީމަކާ އެކު ފުރަތަމަ ފަހަރަށް ބައްރުގެ މެޗަކަށް ނުކުންނަ އިރު އޭނާގެ ފުރަތަމަ އިދިކޮޅު ޓީމަކީ ރާއްޖެ އެވެ.
ސާބިއާގެ ކޯޗާ ހަވާލާދީ ތަޖިކިސްތާނުގެ މީޑިއާތަކުން ބުނީ ސްޓެވާނޮވިޗްގެ އިހްތިރާމު ރާއްޖެ އަށް އޮންނާނެކަން، ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި ވެސް ފާހަގަ ކުރި ކަމަށެވެ.
"އަހަރެން ނުކުންނާނީ ރާއްޖެ އަށް އިހްތިރާމު ކުރަމުން. އެކަމަކު އަހަރެމެން ޖެހިލުމެއް ނުވޭ،" ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އޭނާ ބުނެފައިވާ ކަމަށް ތަޖިކިސްތާނުގެ މީޑިއާތަކުން ރިޕޯޓް ކުރި އެވެ.
އެ ގައުމުގެ މީޑިއާތަކުން އިތުރަށް ބުނީ ރާއްޖެއާ ދެކޮޅަށް މިއަދު ކުޅޭ މެޗު ތަޖިކިސްތާނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު އޭނާ ވާހަކަ ދެއްކި ކަމަށެވެ.
ރާއްޖޭގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ގެ އެއްވެސް ވާހަކައެއް ތަޖިކިސްތާނުގެ މީޑިއާއިން ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އެ ގައުމުގެ ވެރިރަށް ޑުޝާންބޭގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 6 ޖަހާއިރު އެވެ.
ރާއްޖެ އާއި ތަޖިކިސްތާނުގެ ދެވަނަ ލެގް މެޗު އަންނަ އަންގާރަ ދުވަހު އޮންނާނީ ރާއްޖޭގަ އެވެ.