ފައިސާ ހޯދަން މީހަކު ރަހީނުކޮށް، ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ނެގި މައްސަލައެއްގައި 2 މީހަކު ހައްޔަރު
ފައިސާ ހޯދަން މީހަކު ރަހީނުކޮށް، ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ނެގި މައްސަލައެއްގައި 2 މީހަކު ހައްޔަރު

ފައިސާ ހޯދަން މީހަކު ރަހީނުކޮށް، ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހު މީހަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހއ. ފިއްލަދޫ ސީރީންމަންޒިލް، މުހައްމަދު ޒަމީރާއި ގދ. ނަޑެއްލާ ހިތަށްފިނިވާގޭ ޝަހުމީން ރަޝީދެވެ.

އެ މީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހުޅުމާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި އަދި އެ މީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ އަތުލުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅޭކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަހުމީން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އަދި ޒަމީރުގެ ބަންދަށް ދީފައިވަނީ 10 ދުވަހެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.