ދުވަސް ނުފުރާ އުފަންވާ ކުދިންގެ ލޮލަށްދޭ ހާއްސަ ފަރުވާ އައިޖީއެމްއެޗްގައި ފަށައިފި
ދުވަސް ނުފުރާ އުފަންވާ ކުދިންގެ ލޮލަށްދޭ ހާއްސަ ފަރުވާ އައިޖީއެމްއެޗްގައި ފަށައިފި

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ލޮލުގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށް ދޭ ހާއްސަ ފަރުވާ އައިޖީއެމްއެޗްގައި ފަށައިފި އެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ދޭ ރެޓީނާ ލޭޒާ ޓްރީޓްމަންޓް އައިޖީއެމްއެޗްގައި ފެށިކަން ހާމަކުރައްވައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ފަރުވާ ލަސްނުވެ ދެވޭނެ އިންތިޒާމު ހަމަޖެހުނީ ކަމަށެވެ.

މި ފަރުވާ އަކީ ދުވަސް ނުފުރާ އުފަންވުމުން، ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރަން، އަވަހަށް ދޭންޖެހޭ ހާއްސަ ފަރުވާއެކެވެ.

"މި ހިދުމަތް ރާއްޖެއިން ދެވެން ފެށުމާ އެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުސަތު މި ވަނީ ފަހިވެގެން ގޮސްފަ އެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.

ދުވަސް ނުފުރާ ކަމަށް ބަލަނީ 37 ހަފުތާއަށް ވުރެ ކުރިން ވިހެއުމުންނެވެ. އެފަދަ ހާލަތުގައި ތިބި ކުދިންނަށް އެންއައިސީޔޫގައި ބާއްވައިގެން ހާއްސަ ފަރުވާ ދޭންޖެހެ އެވެ.

އެގޮތަށް އައިޖީއެމްއެޗްގައި މިހާރު ވެސް ފަރުވާ ދެނީ ކޮމްޕްލެކްސް ގުނަވަންތަކަށް ވަކިން، ހާއްސަކޮށްގެންނެވެ. އޭގެ ތެރެއިން ފުއްޕާމޭގެ މައްސަލަތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމާއި އިންފެކްޝަނަށް އެންޓިބަޔޮޓިކާއި ހިތުގެ ލޭ ހިންގުމަށް ހާއްސަ އިނޮޓްރޮޕިކް ފަރުވާ އަދި އިތުރު ކަންކަމަށް ވެސް ފަރުވާ ދެ އެވެ.