09 އޮކްޓޯބަރ 2025 - 10:21

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، ސަރުކާރާ އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ ރޭ ދަންވަރު އެވެ.
ޝިމަން ހުއްޓުވައި ބަލައި ފާސްކުރުމަށް ފުލުހުން ހޯދި އެ އަމުރުގައިވާ ގޮތުގައި، އޭނާގެ ފޯނު ހިފެހެއްޓީ ރައީސް އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.
ފޯނުގައި ހުރި ޑޭޓާ ތަހުލީލުކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްވޯޑްތަކާއި ޕެޓާންތައް، އަދި އެކްސެސްވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ޝިމަންއަށް އަމުރުކޮށްފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން މާލޭގައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޝިމަން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެ އެވެ.
އެ މައްސަލާގައި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ދައުވާނުކޮށް ދޫކޮށްލަން ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ވެސް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ވަނީ ޝިމަންއަށް ދީފަ އެވެ.