އައްޑޫ ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓަށް މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެ: އީސީ
އައްޑޫ ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓަށް މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެ: އީސީ

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓަށް މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ޒާހިދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.

ޒާހިދު ވިދާޅުވި ގޮތުގައި އެ ވޯޓުގައި ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރާނެ އެވެ. އެއީ؛

1- އައްޑު އަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟

2- އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭ ހެއްޔެވެ؟

މިފަހުން ހެދި ރިފަރެންޑަމް ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ޒާހިދު ވިދާޅުވި ގޮތުގައި މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އަދި ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ އެވެ.

ޒާހިދު ވިދާޅުވީ ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން އިންތިހާބުތަކުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސައިދިނަސް މި އިންތިހާބުގައި އެ އިންތިޒާމު ހަމަނުޖައްސާނެ ކަމަށެެވެ. ރީރަޖިސްޓްރީކުރަން ފުރުސަތު ދިނަސް އެ ފުރުސަތު އޮންނާނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެެރެއިން ރަށެއްގައި ރަޖިސްޓްރީވުމަށް ކަމަށް ޒާހިދު ވިދާޅުވި އެވެ.

- ހުޅުދޫގައި 3 ފޮށި.

- މީދޫގައި 3 ފޮށި.

- ފޭދޫގައި 5 ފޮށި.

- މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި.

- މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި.

- މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި.

ޒާހިދު ވިދާޅުވީ މާލޭގައި ތިން ރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާ ފޮށި ވެސް ހުންނާނީ އެއް މަރުކަޒެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ހަތް ފޮށި ބޮޑު ޖާގަ އޮތް އެއް ތަނެއްގައި ބަހައްޓަން. އެހެން ނަމަވެސް އެ ހަތް ފޮށި ވަކިވަކިން ބެހެއްޓޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމު ކުރާނަން."

މިހާތަނަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ބަލާއިރު 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 އިން 12 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.

އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި އިންތިހާބުގައި ވެސް އޮބްޒާވަރުންނާއި މޮނިޓަރުން ވެސް ހަރަކާތްތެރިވެ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.

އައްޑޫގެ ވޯޓާ ގުޅޭ ގޮތުން، މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދުއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ލިބެންޖެހޭ ސަމާލުކަން ވެސް ވަކިން އޮތުމުން އެ ރަށަށް ނުލިބޭ ކަމަށެވެ.