ނެޓްފްލިކްސް އަށް ޗެމްޕިއަންސް ލީގު އަންނަނީ؟
ނެޓްފްލިކްސް އަށް ޗެމްޕިއަންސް ލީގު އަންނަނީ؟

ޔޫރަޕުގެ ކްލަބް މުބާރާތްތަކުގެ ޓީވީ ރައިޓްސް އިން އަހަރަކު ފަސް ބިލިއަން ޔޫރޯ ހޯދުމުގެ އަމާޒުގައި ބްރޯޑްކާސްޓިން އުސޫލަށް ގެންނަ ބަދަލާ އެކު، ނެޓްފްލިކްސް އާއި ދުނިޔޭގެ ވަރުގަދަ ސްޓްރީމިން ޕްލެޓްފޯމްތަކުން އެ މުބާރާތް ދައްކަން ބިޑުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުއެފާ އާއި ޔޫރަޕުގެ ކްލަބްތަކުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓަކީ ޗެމްޕިއަންސް ލީގާއި، ޔުރޮޕާ ލީގާއި، ކޮންފަރެންސް ލީގުގެ ޓީވީ ރައިޓްސް އިން ލިބޭ ފައިސާ އެވެ. ޔުއެފާ އާއި ކްލަބްތަކުން މިހާރު މަސައްކަތްކުރަމުން އަންނަނީ ޑިޖިޓަލް ޒަމާނަށް ފެތޭހެން، ރައިޓްސްގެ އޮނިގަނޑަށް ބަދަލު ގެނެސް އާމްދަނީ އިތުރުކުރާށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާ އިން ގެންނަ އެންމެ ބޮޑު ބަދަލަކީ ކޮންމެ ހަފުތާއެއްގެ އެންމެ ބޮޑު މެޗު، މުޅި ދުނިޔެ އަށް ދެއްކުމުގެ ރައިޓްސް ކޮންމެވެސް އެއް ބަޔަކަށް ދިނުމެވެ. ބާކީ މެޗުތައް ދެއްކުމުގެ ރައިޓްސް ވަކިވަކިން ބްރޯޑްކާސްޓަރުންނާއި، ސްޓްރީމިން ޕްލެޓްފޯމްތަކަށް އޮންނާނެ އެވެ.

އަނެއް ބަދަލަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ބޮޑު ފަސް ގައުމު ކަމަށްވާ އިންގްލެންޑާއި، ފްރާންސާއި، ޖަރުމަނާއި، އިޓަލީ އަދި ސްޕެއިނުގެ ރައިޓްސް އެއް ބަޔަކަށް ދިނުމެވެ. މިހާރު ކޮންމެ ގައުމެއްގައި ވެސް މެޗުތައް ދައްކަނީ ވަކިވަކި ބްރޯޑްކާސްޓާރުންނެވެ. ބޮޑު ފަސް ގައުމުގެ ރައިޓްސް ބަންޑެލިކޮށް ވިއްކުމުގެ ބޭނުމަކީ، ނޫސްތައް ބުނާ ގޮތުގައި ބޮޑެތި ސްޓްރީމިން ޕްލެޓްފޯމަކަށް އެ ފުރުސަތު ދިނުމެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނެޓްފްލިކްސް އަންނަނީ ބިޑަށް ތައްޔާރުވަމުންނެެވެ. އަދި ނެޓްފްލިކްސްގެ ވާދަވެރިން ކަމަށްވާ އެމޭޒަން ޕްރައިމް އާއި، ޑިޒްނީ ޕްލަސް އިން ވެސް ބިޑުކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މުއްސަނދިކަމާއި، ސަބްސްކްރައިބަރުންގެ އަދަދަށް ބަލާއިރު އެފަދަ ބިޑެއް ކާމިޔާބުވުމުގެ ފުރުސަތު ބޮޑީ ނެޓްފްލިކްސް އަށެވެ.

ޔުއެފާ އިން ވަނީ 2027-2033 ގެ މުއްދަތުގެ މާކެޓިން އާއި ޕްރޮމޯޝަންގެ ކަންކަން އެމެރިކާގެ އޭޖެންސީއެއް ކަމަށްވާ ރެލެވެންޓް ސްޕޯޓްސް އަށް ދީފަ އެވެ. އެ އޭޖެންސީގެ އެންމެ ބޮޑު ޒިންމާއަކީ، ސްޓްރީމިން ޕްލެޓްފޯމްތަކާ ރައްޓެހި އުސޫލަކަށް މުބާރާތްތައް މާކެޓްކުރުމެވެ.