ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލު އެއްބަސްވެއްޖެ
ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލު އެއްބަސްވެއްޖެ

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ދެ ފަރާތުން ގައިދީން މިނިވަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

ހަމާސް އާއި އިޒްރޭލުން މިކަމަށް އެއްބަސްވިކަން ހާމަކުރެއްވީ ޓްރަމްޕު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގަ އެވެ.

ހަމާސް އާއި އިޒްރޭލުން ވެސް ވަނީ އެއްބަސްވުމަކަށް އާދެވުނުކަން އާންމުކޮށް އިއުލާނުކޮށް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ފެށުމުގެ ގޮތުން ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި މި އިޒްރޭލަށް އުފާވެރި ދުވަހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމާސް އިން ބުނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށާއި އެއާ އެކު އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއިން ފައިބާނެ ކަމަށެވެ. އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ދެ ހާހެއްހާ ގައިދީން މިނިވަންކުރަން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރުން ޣައްޒާގެ އާންމުންނަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފެށުން ވެސް އެއްބަސްވުމުގައި ހިމެނެ އެވެ.

● މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ހަމާސް ޖަމާއަތުން އިޒްރޭލުގެ 20 އަސީރުން މިނިވަންކުރާނެ.

● އިޒްރޭލުން ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރާނެ. މީގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުންނާއި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އިތުރު 1،700 މީހަކު ހިމެނޭނެ.

● މީހުން މިނިވަންކުރުމުގެ ކަންކަން، އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ ފަށާނެ.

● ފުރަތަމަ ފަސް ދުވަސް ތެރޭ ކޮންމެ ދުވަހަކު މަދުވެގެން 400 ޓްރަކްގެ އެހީ ޣައްޒާއަށް އެތެރެކޮށްދޭން ޖެހޭނެ.

● ޣައްޒާ ސިޓީން ނެރެލި މީހުން ވަގުތުން އެނބުރި އައުމަށް ފުރުސަތު ދޭނެ.

● ކަނޑައަޅާފައިވާ ތާވަލެއްގެ ދަށުން އިޒްރޭލު ސިފައިން ޣައްޒާއިން ފައިބަމުންދާން ޖެހޭނެ އަދި މިކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޔަގީންކަން ދޭންޖެހޭނެ.

ޓްރަމްޕުގެ ހުށަހެޅުމުގައިވާ ގޮތުން ޣައްޒާ އަކީ "ޓެރަރިޒަމް ނެތް" ތަނަކަށް ހަދައި ފަލަސްތީނުގެ އާ ސަރުކާރެއް ހަމާސްގެ ބައިވެރިވުމެއް ނެތް ގޮތަށް ހަދާނެ އެވެ. އަދި އެގޮތަށް އުފައްދާ ސަރުކާރެއް އެމެރިކާއިން ބަލައިގަނެ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި ވެސް ބައިވެރިވާން އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ. އަދި ޣައްޒާގެ އާންމުންނަށް ހަނގުރާމައިގެ ސަބަބުން ވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ އަލުން ބިނާކުރުން ވެސް ހިމެނެ އެވެ.

ހަމާސް އިން ވަނީ އެއްބަސްވުމަށް އިޒްރޭލުން އަމަލުކުރާކަން ކަށަވަރުކުރުމަށް ޓްރަމްޕަށް ގޮވާލައިފަ އެވެ. އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރަން ހަމާސް އިން ދެކޮޅުހަދައިފި ނަމަ ނުވަތަ އެއްބަސްވުމަށް ފަހު އެ ކަންކަން ލަސްކުރާ ނަމަ އިޒްރޭލު ސިފައިންގެ އޮޕަރޭޝަންތައް އަލުން ފެށުން ފަދަ ނުރައްކާ ޕޮއިންޓްތަކެެއް ވެސް ހުށަހެޅުމުގައިވެ އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވި އިރު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ މި ހަމަލާތަކަށް ދެ އަހަރު ވެފަ އެވެ.

އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އިޒްރޭލުގެ ހިސާރުގެ ސަބަބުން ޣައްޒާ ވަނީ ބަނޑަށްޖެހި އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފަ އެވެ.