09 އޮކްޓޯބަރ 2025 - 09:46

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް މަގާމުން ވަކިކުރަން އެ ކްލަބުގެ މެޖޯރިޓީ ހިއްސާދާރު ގްލޭޒާސް އަމުރުކުރައްވާ ހާލަތުގައި ވެސް އެކަން ނުކުރައްވާނެ ކަމަށް ކްލަބުގެ މައިނޯރިޓީ ހިއްސާދާރު ސާ ޖިމް ރަޓްކްލިފް ވިދާޅުވެއްޖެ އެވެ.
މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ޔުނައިޓެޑާ ހަވާލުވި ޕޯޗުގަލްގެ ޒުވާން ކޯޗު އަމޮރިމް އަށް ޓީމުގެ ހާލަތެއް ބަދަލެއް ނުކުރެވެ އެވެ. އެކަމަކު ރަޓްކްލިފް ވިދާޅުވީ އަމޮރިމް އަށް ތިން އަހަރު ދޭން ޖެހޭ ކަމަށެވެ.
އަމޮރިމްގެ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑް ލީގު ނިންމާލީ 15 ވަނައިގަ އެވެ. ޔޫރޮޕާ ލީގު ފައިނަލުން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވީ އެވެ.
އަމޮރިމް މަގާމުން ވަކުކުރަން ގިނަ ފަރާތްތަކަކުން ގޮވާލި ނަމަވެސް ރަޓްކްލިފް ވިދާޅުވަނީ އަމޮރިމްގެ ފުރަތަމަ އަހަރުގެ ނަތީޖާއަށް ނުބަލައި، އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު ކަމަށްވާ ތިން އަހަރު ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. ރަޓްކްލިފް އަކީ ޔުނައިޓެޑްގައި ފުޓްބޯޅައިގެ ހިންގުމުގެ ހުރިހާ ބާރެއް އޮންނަ ފަރާތެވެ.
"އޭނާއަށް އެންމެ ރަނގަޅު ސީޒަނެއް ނުލިބޭ. އަމޯރިމަކީ ރަނގަޅު މީހެއް. އަހަރެން ބުނާނީ ރުބެން [އަމޮރިމް]ގެ ގާބިލް ކަން ބަލަންވާނީ ތިން އަހަރުގެ ނަތީޖާއިންނޭ،" ރަޓްކްލިފް ވިދާޅުވި އެވެ.
"ތިން އަހަރު. އެއީ، ފުޓްބޯޅައިގައި އޯވާނައިޓަކުން ކަންކަމެއް ނުވާނެ. މިސާލަކަށް ބަލަމާ އާސެނަލްގަ މިކެލް އާޓެޓާ، އޭނާއަށް ވެސް ފުރަތަމަ ދެ ސީޒަން ދިޔައީ ރަނގަަކަށް ނޫން."
މި ސީޒަނުގައި ޔުނައިޓެޑް މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުން ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. ލީގު ކަޕުގެ ދެވަނަ ބުރުން ކަޓާފައި ވުމާއެކު އެ ޓީމަށް މި ސީޒަނުގައި ދެން އޮތީ ލީގާއި އެފްއޭ ކަޕެވެ.