އިސްލާމިކް މިނިސްޓްރީގެ މަގާމްތަކުގައި ތިބޭ މީހުންނަށް އުމްރާ ކުންފުނި ނުހިންގޭ ގޮތަށް ހަދަނީ
އިސްލާމިކް މިނިސްޓްރީގެ މަގާމްތަކުގައި ތިބޭ މީހުންނަށް އުމްރާ ކުންފުނި ނުހިންގޭ ގޮތަށް ހަދަނީ

އިސްލާމިކް މިނިސްޓްރީގެ އެކި މަގާމްތަކުގައި ތިބޭ މުވައްޒަފުންނަށް ރާއްޖެ އިން އުމްރާ އަށް މީހުން ގެންދާ ކުންފުނިތައް ނުހިންގޭ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރަނީ އެ މިނިސްޓްރީން ކަމަށް ވާތީ، އަމަލީ ގޮތުން މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އުމްރާ ކުންފުންޏެއްގައި ނޫޅެވޭނެ ގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އުމްރާ ކުންފުނިތައް ހިންގާ މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން މިހާރު ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ އެކި މައްސަލަތައް ފެންމަތިވާ އުމްރާ ކުންފުނިތަކާ މެދު ފިޔަވަޅު ވެސް އަޅަމުންނެވެ. އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް ފައިސާ ދެއްކި ފަހުން އުމްރާއަށް ނުގެންދިޔަ މައްސަލަތަކެއް ފެންމަތިވެ، މައްސަލަ ބަލާފައިވެ އެވެ. އެފަދަ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލާން މިދިޔަ މަހުގެ ތެރޭގައި ވަނީ ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް މަޝްއަރު ކުންފުނީގެ މައްސަލަ ފެންމަތިވެފައި ވާއިރު 2023 ގައި އަލް މަޝްއަރު ހައްޖު އުމްރާ ގްރޫޕުގެ ނަމުގައި ހަމަ އެ ކުންފުނީގެ މީހުން ހައްޖާއި އުމްރާއަށް ގެންގޮސްގެން އުޅެނިކޮށް މައްސަލަ ޖެހުނެވެ. މަޝްއަރު ޓުއާސްގެ ނަމުގައި ޓުއާ ގްރޫޕެއް ހަދާފައި ވަނީ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 2023 ގައި ބާތިލްކުރުމުންނެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އަމަލު ނުކުރި 19 ކުންފުންޏެއް މިިދިޔަ ޖެނުއަރީގައި 5000ރ. އިން ޖޫރިމަނާ ވެސް ކުރި އެވެ.