08 އޮކްޓޯބަރ 2025 - 22:40

އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗާ އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ހަވާލުވެފައި ވާތީ އާއި ފައެނާއާ އެ ތަކެއްޗާ ގުޅުވޭނެ އެހެން ގޮތެއް ފުލުހުންނަށް ބުނެދެވިފައި ނުވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފި އެވެ.

ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފައެނާ، 33، އަށް ޝަރުތުތަކެއް ކޮށް ބަންދުން ދޫކޮށްލާފައި ވާއިރު އޭނާގެ ފިރިމީހާ އަޒްހާދު، 36، ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
މަސްތުވާތަކެތި ގެންގުޅެ ވިއްކައި އެ ބޭނުންކުރާ ކަމަށް ދެމަފިރިންގެ މައްޗަށް ވެސް ތުހުމަތުކޮށްފައި ވާއިރު ފައެނާ ދޫކޮށްލި އަމުރުގައި ބުނެފައިވާ ގޮތުން ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނު ކަމާ މެދު އޭނާ އިއުތިރާޒެއް ނުކުރެ އެވެ. އެކަމަކު އެ ތަކެއްޗަކީ އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އެ ތަކެއްޗަށް ފިރިމީހާ ޒިންމާ ނަގާފައިވާ ކަމަށް ފައެނާގެ ދިފާއުން ބުންޏެވެ.
އަމުރުގައިވާ ގޮތުން، ޑްރަގްސް ފެނުނީ އަލަމާރީގެ ވަތްގަނޑަކުންނެވެ. އެއީ ފިރިމީހާގެ އެއްޗެހި ރައްކާކުރާ ތަނެއް ކަމަށް ވަނީ ބުނެފަ އެވެ. ފައެނާ ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ނުވާ ކަމަށާއި މައްސަލައިގެ އިންޓެލިޖެންސް ރިޕޯޓްގައި ވެސް ފައެނާއާ ގުޅިގެން އޭނާގެ ފިރިމީހާ ކުށުގެ އަމަލެއް ހިންގާ ކަމުގެ ވާހަކަ ނެތްކަން ފުލުހުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗަށް ފިރިމީހާ ޒިންމާ ނެގުމުން، އެ ނޫން ގޮތަކަށް އެކަން ސާބިތުކޮށްދީ، އެ ތަކެއްޗާ ފައެނާއާ ގުޅުވާލެވޭ ގޮތެއް ވެސް ފުލުހުން ބުނެފައި ނެތްކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ފައެނާގެ ފަރާތުން ވަނީ އޭނާ އަކީ ދެ ކުދިންގެ މަންމައެއް ކަމަށް ވެފައި ކުށުގެ ރެކޯޑެއް ވެސް ނެތުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ކޯޓުގައި ބުނެފަ އެވެ.
އަޒްހަދު 15 ދުވަހަށް ބަންދުކޮށް ނެރުނު އަމުރުގައިވާ ގޮތުން، އެޕާޓްމަންޓުން ފެނުނު ޑްރަގަކީ އޭނާ އެތަނުގައި ބެހެއްޓި އެއްޗެހި ކަމަށާއި އެ ތަނުގައި އެ ބެހެޓިތާ މާގިނަ ދުވަހެއް ނުވާ ކަމަށާއި އިތުރު މީހަކަށް ވެސް އެ ތަނުގައި ޑްރަގް ހުރިކަން ނޭނގޭނެ ކަމަށް ބުނެފައިވެ އެވެ. އޭނާ އަކީ ޑްރަގް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހެއް ކަމަށް ނުބެލެވޭ ކަމަށް ދިފާއުން ކޯޓުގައި ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ އެޕާޓުމަންޓުގެ މޭޒުމަތިން ފެނުނީ 33 ގްރާމްގެ ޑައިމޯފިން އެވެ. އެއީ ޑްރަގް ޓްރެފިކިން އަށް ފެތޭ މިންވަރު ކަމަށް ވާއިރު ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެނގިފައިވާ ގޮތުގައި، އެޕާޓްމަންޓް ފާސްކުރީ ފައެނާގެ ފިރިމީހާ ކެފޭއެއްގައި އިންދާ ހައްޔަރުކޮށް، އޭނާގެ ގޮވައިގެން އެޕާޓްމަންޓަށް ގޮހެވެ. އެޕާޓްމަންޓް ފާސްކުރީ މިދިޔަ މަހު ނަގާފައިވާ ކޯޓު އަމުރަކަށް ކަމަށް ވެސް ވަނީ އެނގިފަ އެވެ.