ދުނިޔޭގެ އިގްތިސާދު ކުރިން ލަފާކުރިހާ ގޯހެއް ނުވޭ: އައިއެމްއެފް
ދުނިޔޭގެ އިގްތިސާދު ކުރިން ލަފާކުރިހާ ގޯހެއް ނުވޭ: އައިއެމްއެފް

ދުނިޔޭގެ އިގްތިސާދު މިހާރު އޮތީ ކުރިން ލަފާކުރިހާ ގޯސްކޮށް ނޫން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރް ކްރިސްޓެލީނާ ޖިއޯޖީވާ ވިދާޅުވީ މެދު ރާސްތާގައި ދުނިޔޭގެ އިގުތިސާދު ކުރިއަރާ މިންވަރު ދަށް ކަމަށް ވިޔަސް، އިގްތިސާދީ ކުރިއެރުން، ކުރިން ލަފާކުރިހާ ދަށް ނޫން ކަމަށެވެ.

"ދުނިޔޭގެ އިގްތިސާދު ކުރިއަށް ދަނީ އަޅުގަނޑުމެން ބިރުގަތް ވަރަށް ވުރެ ރަނގަޅަށް، އެކަމަކު އަޅުގަނޑުމެން އެދޭ ވަރަށް ވުރެ މާ ގޯސްކޮށް،" ޖިއޮޖީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިއެމްއެފުން މިހާރު ލަފާކުރަނީ އަންނަ އަހަރާއި އޭގެ އަނެއް އަހަރު، ދުނިޔޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނީ ވަރަށް ކުޑަކޮށް ކަމަށެވެ. އެއީ އެމެރިކާ އާއި ކުރިއަރާފައިވާ އެހެން ގައުމުތައް އަދި އަލަށް ކުރިއަރަމުން އަން މާކެޓްތަކުގެ ހާލަތު ރަނގަޅުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖިއޮޖީވާ މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންނާއި މަރުކަޒީ ބޭންކްތަކުގެ ގަވަރުނަރުން، އައިއެމްއެފާއި ވޯލްޑް ބޭންކާ އެކު ބާއްވާ ބައްދަލުވުމަކަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ވޮޝިންޓަނުގައި ބާއްވާ އެ ބައްދަލުވުން އޮންނާނީ އަންނަ ހަފުތާގަ އެވެ.

ބެލެވޭ ގޮތުގައި މިފަހަރުގެ ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަދެކެވޭ މައުލޫއަކަށް ވާނީ ވިޔަފާރީގެ މައްސަލަ އެވެ. އެއީ އެމެރިކާއަށް މުދާ އެކްސްޕޯޓްކުރާ ގައުމުތަކަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރު ކުރީކޮޅު އެޅުއްވި ޑިއުޓީ ބޮޑުކުރުމުގެ ފިޔަވަޅުތަކާ ހެދި އެވެ. އޭއެފްޕީ