08 އޮކްޓޯބަރ 2025 - 20:27

ރާއްޖޭގެ އިގްތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން އިސްލާހު ގެނެސްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސް މިއަދު ޝާއިއުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ޝާއިއުކުރި މި އެންޓްރީ ރިކުއަމަންޓްސްގައި ބުނެފައިވާ ގޮތުން، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިތުރުކޮށް، އަދި މަންފާާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ރިއާޔަތްކުރުމަށްފަހު އެވެ.
މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ހާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުމެވެ. ސަރުކާރުން މިގެނައި ބަދަލާ އެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބީތުކޮށް، އިގްތިސާދީ ނަފާ ހޯދައި، ގައުމުގެ ތަރައްގީގައި ދިވެހީންގެ ހިއްސާ ބޮޑުވެގެން ދާނެ އެވެ.
ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުގެ ތެރޭގައި ދިވެހިންނާއި ބޭރު ފަރާތްތަކުގެ މަސްލަހަތު ވެސް ހިމާޔަތްކޮށްދޭ އުސޫލުތަކެއް ވަނީ ހިމަނައިފަ އެވެ. މިގޮތުން، ދިވެހިންގެ ހުނަރާއި ގާބިލުކަން އިތުރުވަމުން އަންނަކަމަށް ފާހަގަވާ ބައެއް ދާއިރާތައް މިހާރު ވަނީ ދިވެހީންނަށް ހާއްސަކޮށްފަ އެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި، ލޮޖިސްޓިކްސްގެ ހިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ވެސް ހިމެނެ އެވެ.
ހަމަ މިއާ އެކު، ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓްކުރުމުގެ ފުރުސަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހިންނަށް ލިބޭނެ އެވެ.
މި އިސްލާގެ މުހިންމު އެއް މަގުސަދަކީ ދިވެހިންނަށް އިގްތިސާދީ މިނިވަންކަން ހޯދައިދިނުމެވެ. މިގޮތުން، ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ޖާގަ ހޯދައިދިނުމުގެ އިތުރަށް، ސަރުކާރުން މަސައްކަތް ކުރަނީ ގައުމުގެ އިގްތިސާދުގައި ދިވެހިން ބާރުވެރި ކުރުވުމަށެވެ.
ގައުމުގެ އިގްތިސާދީ ތަރައްގީގައި އެންމެންގެ ބައިވެރިވުން ވެސް ހިމެނުމަށް ހިތްވަރުދޭ މި ސިޔާސަތުތަކުގެ ސަބަބުން، އަލަށް މުރާޖައާ ކުރެވުނު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސްގެ ސަބަބުން، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށް ވެސް ގައުމުގެ ކުރިއެރުމުގެ ބައިވެރިވެ، އިގްތިސާދީ ފައިދާ ލިބިގަތުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.
އިސްލާހުކޮށްފައިވާ މި ގަވާއިދުތައް ތަންފީޒު ކުރަން ފެށުމާއެކު، އިކޮނޮމިކް މިނިސްޓްރީން ވަނީ ދިވެހި ވިޔަފާރިވެރިންނަށާއި، ޒުވާނުންނަށާއި އަދި އިންވެސްޓަރުންނަށް، މި ހުޅުވުނު ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައިފަ އެވެ. އަދި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުން ދިވެހި ވިޔަފާރި ވެރިން ކުރިއަރައިގެން ދިއުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ.
މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނައި ބަދަލުތަކެއް ނޫން ކަމަށާއި، މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.