މި އަހަރުގެ ފަހު ސުކޫކު ކޫޕަނަށްވާ 25 މިލިއަން ޑޮލަރު ދައްކައިފި
މި އަހަރުގެ ފަހު ސުކޫކު ކޫޕަނަށްވާ 25 މިލިއަން ޑޮލަރު ދައްކައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން ދައްކައިފި އެވެ.

މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޫބަރު މަހު އެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް ގަ އެވެ.

އެހެންކަމުން، އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އޭޕްރީލް މަހު ދައްކަންޖެހޭ ޖުމްލަ 525 މިލިއަން ޑޮލަރު ދައްކައި ހަލާސް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކުރީގެ ސަރުކާރުން 9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ނެގި ސުކޫކު ލިސްޓު ކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ.

ސުކޫކުގެ ޖުމްލަ އަދަދާ އެކު، އަންނަ އަހަރު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަން ޖެހެ އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނީގެ އެންމެ ބޮޑު ބައި ޗައިނާ އާއި އިންޑިއާ އިން ހިއްސާކުރާއިރު، އެ ދެ ގައުމާ އެކު ދަރަނި އަނބުރާ ދެއްކުމަށް ލުއި ހޯދުމަށް ކުރި މަޝްވަރާތަކުން ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

މިގޮތުން، އިންޑިއާއިން ސަރުކާރުން އަންނަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބިއައި) އަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑެއް ރޯލްއޯވާ ކޮށްދެމުންނެވެ. އަދި ޗައިނާ ސަރުކާރާ އެކު ކުރި މަޝްވަރާތަކުން، ރާއްޖޭން ދައްކަންޖެހޭ ދަރަނި ފަސްކޮށްދޭން އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ތަފްސީލެއް ދެ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.