ފައެނާ ޝަރުތުތަކާ އެކު ދޫކޮށްލައި، ފިރިމީހާ 15 ދުވަހަށް ބަންދުކޮށްފި
ފައެނާ ޝަރުތުތަކާ އެކު ދޫކޮށްލައި، ފިރިމީހާ 15 ދުވަހަށް ބަންދުކޮށްފި

އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހާދު ޑްރަގް އޮޕަރޭޝަނެއްގައި، ރޭ ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު، ފައިނާ ދޫކޮށްލައި އޭނާގެ ފިރިމީހާ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފި އެވެ.

ފައެނާ ޝަރުތުތަކާ އެކު ދޫކޮށްލައި، ފިރިމީހާ 15 ދުވަހަށް ބަންދުކޮށްފި
ފައެނާ ޝަރުތުތަކާ އެކު ދޫކޮށްލައި، ފިރިމީހާ 15 ދުވަހަށް ބަންދުކޮށްފި

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭގައި ރޭ ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ފިރިހެންމީހާ [އަޒްހާދު] އެ މައްސަލައިގެ ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން އަންގާފައިވާ ކަމަށެވެ. އަދި އުމުރުން 33 އަހަރުގެ އަންހެންމީހާ [ފައެނާ] ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފައެނާ އާއި އަޒްހާދު އުޅުނު އެޕާޓުމަންޓު ކޯޓު އަމުރެއްގެ ދަށުން ފާސްކުރިއިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންގެ އެޕާޓްމަންޓުން ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އެ އެޕާޓްމަންޓެއް ފާސްކޮށް، އެ ދެ މީހުން ހައްޔަރުކޮށްގެން ގެންދަނިކޮށް ވަނީ ފެނިފަ އެވެ.

ނަމަވެސް އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާގެ އަތުން މަސްތުވާތަކެތި ނުފެންނަ ކަމަށް އެނގިފައި ވެ އެވެ. ޑްރަގަށް ޕޮޒިޓިވްއެއް ވެސް ނޫނެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ އެޕާޓުމަންޓުގެ މޭޒުމަތިން ފެނުނީ 33 ގްރާމްގެ ޑައިމޯފިން އެވެ. އެއީ ޑްރަގް ޓްރެފިކިން އަށް ފެތޭ މިންވަރު ކަމަށް ވާއިރު ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އުމުރުން 33 އަހަރުގެ ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭޖީ އޮފީހުން މި ވެރިކަމުގައި އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް ވެސް ނޮވެމްބަރު 2023 ގައި ވަގުތީ ގޮތުން ފައެނާ ހަމަޖެއްސި އެވެ.

ފައެނާ އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެމްބަރު 12، 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ. އޭގެ އަހަރެއް ފަހުން 2014 ގައި އޭނާ ވަނީ ސްޓޭޓް އެޓާނީގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ސީނިއާ ސްޓޭޓް ކައުންސެލްގެ މަގާމަށް ޕްރޮމޯޓް ކުރި އެވެ.