މަސައްކަތުމީހާ ބަނޑަށް ބެހެއްޓި ދެމަފިރިން ޖަލަށް
މަސައްކަތުމީހާ ބަނޑަށް ބެހެއްޓި ދެމަފިރިން ޖަލަށް

ޕިލިޕީންސްގެ އަންހެން މަސައްކަތު މީހާ ބަނޑަށް ބެހެއްޓިކަން ސާބިތުވެ، ސިންގަޕޫރުގެ ދެމަފިރިން ޖަލަށް ލާން އިއްޔެ ހުކުމްކޮށްފި އެވެ.

ސިންގަޕޫރުގެ މީޑިއާ އިން ބުނާ ގޮތުގައި ބަނޑަށް ހުރެ އެ އަންހެންމީހާގެ ބަރުދަނުން 20 ކިލޯ ލުއިވި އެވެ. އޭނާ އަށް ކާންދެނީ ހަމައެކަނި ޕާނާއި އިންސްޓެންޓް ނޫޑުލްސް ކަމަށް ވެސް މީޑިއާ އިން ހާމަކުރި އެވެ. އެ ޚަބަރުން މުޅި ސިންގަޕޫރަށް ސިހުން ލިބުނެވެ.

ލިމް ޗޫން ހޮންގް އާއި އޭނާގެ އަންހެނުން ޗޮންގް ސުއި ފޫންގެ މަސައްކަތު މީހެއްގެ ގޮތުގައި ތެލްމާ އޮޔާސަން ގަވިދާން 15 މަސްދުވަސް ހޭދަކުރި އެވެ. ބަނޑުހައިކަން ބޮޑުވެ، ކެތްނުކުރެވިގެން އެންމެ ފަހުން އެޕްރީލް 2014 ގައި ގެއިން ނުކުމެ، އަމިއްލަ ޖަމާއަތެއްގެ އެހީތެރިކަން އޭނާ ހޯދީ އެވެ. އޭރު އޭނާގެ ބަރުދަން ހުރީ 49 ކިލޯ އިން 29 ކިލޯއަށް ވެއްޓިފަ އެވެ.

ތެލްމާ އަށް އިހާނަތްތެރިވިކަން ސާބިތުވެ ދެ މަފިރިންގެ ތެރެއިން ފިރިމީހާ ލިމް ޖަލަށް ލީ ތިން ހަފުތާއަށެވެ. އަންހެނުން ޗޮންގް ތިން މަސް ދުވަހަށެވެ. އޭގެ އިތުރުން 7،000 ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ.

ދައުލަތުގެ ވަކީލުން ކޯޓުގައި ބުނީ ތެލްމާ ބަނޑަށް ހުންނަ އިރު ދެމަފިރިން ރަނގަޅަށް އަދި ގިނަ މިންވަރަކަށް ކަމުން ދިޔަ ކަމަށެވެ.

ސިންގަޕޫރުގެ ގިނަ މީހުން، އެހެން ގައުމުތަކުގެ މަސައްކަތު މީހުން ގެނެސް، ގޭގައި ގެންގުޅެ އެވެ. އަދި މަސައްކަތު މީހުންނާ މެދު އިހާނެތިކޮށް ހިތުމަކީ އާ ކަމެއް ވެސް ނޫނެވެ. އެކަމަކު މިފަދަ ގޮތަކަށް ބަނޑަށް ބަހައްޓައިގެން، މީހަކު ގެންގުޅުނުކަމުގެ ވާހަކައެއް ސިންގަޕޫރު މީހުންނަށް އަޑުއިވިފައެއް ނުވެ އެވެ. އެހެންކަމުން ވަރަށް ގިނަ މީހުން ތިބީ އެކަމާ ރުޅިއައިސްފަ އެވެ.

ހުކުމާ އެކު ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ބައެއް މީހުން ބުނީ ދެމަފިރިންނަށް އިއްވި ހުކުމް ވަރަށް ލުއި ކަމަށެވެ.

"ވަރަށް އާދައިގެ ހުކުމެއް...އެހެން އިންސާނަކު އެގޮތަށް ބަނޑަށް ބެހެއްޓުމަކީ އިންސާނިއްޔަތާ މުޅިން ޚިލާފު ކަމެއް،" އެކަކު ބުންޏެވެ.

ބަދަލެއްގެ ގޮތުން ތެލްމާ އަށް 15،000 ޑޮލަރު ލިބުނެވެ.