ބޭސް ކުންފުނީގެ މަސައްކަތް ފަށަން 3-6 މަސް ނަގާނެ: ޝާހު
ބޭސް ކުންފުނީގެ މަސައްކަތް ފަށަން 3-6 މަސް ނަގާނެ: ޝާހު

ރާއްޖެއަށް ބޭސް އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި ހިންގަން 3-6 މަސް ދުވަސް ނަގާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދީ މިދިޔަ މަހުގެ 9 ގަ އެވެ. އެމްޑީއާ އެކު ޑިރެކްޓަރުންގެ ބޯޑުގައި ފަސް މެމްބަރުން މިހާރު އެބަތިއްބެވެ.

ޝާހު "މިހާރު" އަށް ވިދާޅުވީ މި ވަގުތު ހިނގަމުންދަނީ ފަންކްޝަން ބަދަލުވުމުގެ މަރުހަލާ ކަމަށެވެ. އެހެންވެ، ބޭހުގެ ކަންކަން އަދި ވެސް ކުރަމުން އަންނަނީ އެސްޓީއޯއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު އޮޕަރޭޝަނެއް ވީމާ އޯވަނައިޓަކުން ސްވިޗެއް ނުކުރެވޭނެ. އެހެންވެ، ޕަބްލިކަށް ދެމުންދާ ސާވިސަސްތަކަށް އުނދަގުލެއް ނުވެ ނުވަތަ ޑިފިކަލްޓީއެއް ނައިސް މިހާރު ހަމަ ކުރަމުންދާ ގޮތަށް ކުރަމުންދާނީ،" ޝާހު ވިދާޅުވި އެވެ.

"...މިހާރު އެކަމަކު ކުރެވެމުން ދަނީ އެ މަސައްކަތްތައް. ފަންކްޝަނަލް ވާން އެޑްމިނިސްޓްރޭޓިވް ސްޓްރެންތު ކުރުމާއި އެކިއެކި ޕޮލިސީތައް އެޑްރެސްކުރުމާއި ފަސޭހަ ގޮތްތައް ހޯދުމާއި ބޭސް އެވެއިލިބިލިޓީ ކުރުމުގެ. އާ ކޮމްޕެނީ ވޯކް ކުރަން ފަށާއިރު ދެން އެ ޕްރޮސެސްތައް ދެން ކުރިއަށްދާނީ. މިހާރު ވެސް ކުންފުނި ފެށިފައި. އެކަމަކު، ފަންކްޝަންތައް ޓޭކްއޯވާ ކުރަން 3-6 މަސް ދުވަހުގެ ތެރޭގައި ނެގޭވަރު ވާނީ. އެއީ ވެއާހައުސް އާއި ޑިސްޓްރިބިއުޝަނާ. އެއީ ވަރަށް ބައިވަރު މަސައްކަތްތައް. އެހެންވެ، ވަގުތު ނަގާނެ."

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ އެސްޓީއޯ ބޭސް ފިހާރަތައް ވެސް، މި ބަދަލުތަކާ އެކު ފާމަސޫޓިކަލް ކުންފުންޏަށް ބަދަލުވާނެ އެވެ.