ބްލެކްޕިންކްގެ ޖިސޫ އާއި ޒޭން މާލިކް އެކުގައި ލަވައެއް ކުޅެނީ
ބްލެކްޕިންކްގެ ޖިސޫ އާއި ޒޭން މާލިކް އެކުގައި ލަވައެއް ކުޅެނީ

ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް "ބްލެކްޕިންކް"ގެ ލަވަކިޔުންތެރިޔާ ޖިސޫ އާއި ކުރީގެ އިނގިރޭސި މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން"ގެ ލަވަކިޔުންތެރިޔާ ޒޭން މާލިކް އެކުގައި ލަވައެއް ކުޅެން ނިންމައިފި އެވެ.

ޖިސޫ އާއި ޒޭން ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން އިއުލާންކޮށްފަ އެވެ. އެ ލަވައިގެ ނަމަކީ "އައިސް ކްލޯޒްޑް" އެވެ.

އެ ލަވައިގެ ޓީޒާ ޕޯސްޓަރުތަކެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވެ އެވެ. އެ ޕޯސްޓަރުތަކުން ފެންނަނީ ޖިސޫ އާއި ޒޭން އެވެ.

މިއީ ޖިސޫ އާއި ޒޭން އެކުގައި ލަވައެއް ކިޔާ ފުރަތަމަ ފަހަރެވެ. އަދި ޖިސޫ އިންޓަނޭޝަނަލް އާޓިސްޓަކާ ކޮލަބްރޭޓްކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ޖިސޫ އާއި ޒޭން އެކުގައި ލަވައެއް ކުޅޭކަން އިއުލާންކުރި އިރު، މިދިޔަ ޖުލައި މަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި "ބްލެކްޕިންކް"ގެ ޝޯ ބަލަން ވެސް ޒޭން ދިޔަ އެވެ. އެ ޝޯ ބަލަން ދިޔައީ ޒޭންގެ ދަރިފުޅު ކައި ވެސް ގޮވައިގެންނެވެ.

ފޭނުން ވަރަށް ބޮޑަށް އިންތިޒާކުރަމުން އަންނަ ޖިސޫ އާއި ޒޭންގެ "އައިސް ކްލޯޒްޑް" ރިލީޒްކުރަނީ އަންނަ ހުކުރު ދުވަހު އެވެ.

ޖިސޫގެ ސޯލޯ އީޕީއެއް މިދިޔަ ފެބްރުއަރީ މަހު ގެނެސްދިނެވެ. "އެމޮޓޭޖް"ގެ ނަން ދީފައިވާ އެ އީޕީގެ ލަވަތަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޒޭންގެ މިއުޒިކް އަލްބަމެއް އެންމެފަހުން ގެނެސްދިނީ މިދިޔަ އަހަރު މާޗުގަ އެވެ. އެއީ "ރޫމް އަންޑާ ދަ ސްޓެއާޒް" އެވެ.