08 އޮކްޓޯބަރ 2025 - 12:53

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް އެ ސިޓީގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު މިމަހުގެ 25 ގައި ނަގަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އީސީން ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމުގެ އިއުލާނާ އެކު އާންމުކޮށްފައިވާ ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދު އާއި މީދު އާއި ފޭދޫ ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ބާއްވަން ޖެހޭ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެެވެ.
އީސީން ބުނި ގޮތުގައި ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ. އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށް އީސީން ބުންޏެެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ވޯޓުގައި އަހާނީ އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ. މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގެ ވޯޓާ ގުޅޭ ގޮތުން، މިދިޔަ މަހު ރައީސްގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ލިބެންޖެހޭ ސަމާލުކަން ވެސް ވަކިން އޮތުމުން އެ ރަށަށް ނުލިބޭ ކަމަށެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާތީ ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.