އެންމެ މަތިން މާކްސް ލިބުނު މަހާޒަށް ރުހުމެއް ނުދިން
އެންމެ މަތިން މާކްސް ލިބުނު މަހާޒަށް ރުހުމެއް ނުދިން

ޓެކްސް އެޕީޓް ޓްރައިބިއުނަލްގެ މެމްބަރުކަަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އައްޔަންކުރުމަށްޓަކައި ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ އެންމެ މަތީ މާކްސް ލިބިވަޑައިގަތަސް މަޖިލިހުގެ ތަޅުމުން އޭނާ އަށް ރުހުން ނުދީ މިއަދު ކަޓުވާލައިފި އެވެ.

ޓެކްސް ޓްރައިބިއުނަލަށް އައްޔަންކުރަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިިނީ އެ ޓްރައިބިއުނަލްގެ މެންބަރުކަން ކުރިން ވެސް ކުރައްވާފައިވާ ބ. ތުޅާދޫ، ގުލްބަހާރުގޭ، އިބްރާހިމް އަފީފުގެ އިތުރުން ދ. މީދޫ އަކިރިވިލާ، ޝަވްފާ އިބްރާހީމަށެވެ.

މަހާޒަށް ރުހުން ދޭން ފެނޭތޯ ބަލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވޯޓު ދެއްވީ އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓު އެ މަނިކުފާނު ތަރުތީބު ކުރައްވާފައިވާ ގޮތުން ވެސް އެއްވަނައިގައި އޮތީ މަހާޒުގެ ނަމެވެ.

ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު، ޖުޑީޝަރީ ކޮމިޓީން އެކުވަލައިލި ރިޕޯޓްގައި އެ ކޮމިޓީން އެދިފައި އޮތީ 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ދީފައިވާ ދެ ބޭފުޅަަކަށް ރުހުން ދިނުމަށެވެ.

ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގައިވާ ހަ ބޭފުޅުންގެ ތެރެއިން ކޮމިޓީން މާކްސް ދީ، ރިޕޯޓްގައި ހިމަނާފައި އޮތީ ފަސް ބޭފުޅެއްގެ ނަމެވެ. އެ ލިސްޓުގައި 97 ޕަސެންޓް މާކްސްއާ އެކު އެއްވަނައިގައި އޮތީ މަހާޒްގެ ނަމެވެ.

ދެވަނަގައި އޮތް އަފީފަށް 91 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި އިރު 83 ޕަސެންޓް މާކްސްއާ އެކު ޝަވްފާ އޮތީ އެ ލިސްޓްގެ ތިން ވަނައިގަ އެވެ.