08 އޮކްޓޯބަރ 2025 - 11:57

ފެނަކަ އޮޑިޓް 2023 ވަނަ އަހަރު ފެށި އިރު، އެ ކުންފުނީގެ 12،000 ޕާޗޭސް އޯޑަ (ޕީއޯ) ހުރީ ސިސްޓަމަށް ނާޅާ ކަމަށާއި ކުންފުނިތަކުން ރެކޯޑުތައް އެންމެ ފުރިހަމައަށް ނުބެލެހެއްޓުމުގެ ސަބަބުން އޮޑިޓްތައް ވަރަށް ބޮޑަށް ލަސްވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގައި ނިޔާޒީ ވިދާޅުވީ، ފެނަކައިގެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ މުދަލާއި ހިދުމަތްތައް ހުރީ ސިސްޓަމަށް ނާޅާ ކަމަށާއި އެފަދަ ކަންކަން ކުންފުނިތަކުން އިސްލާހުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އޮޑިޓްތަކުގެ މަސައްކަތްތައް ދިގުލައިގެން ދާ އެއް ސަބަބަކީ ކުންފުނިތަކުން ރެކޯޑު ބެލެހެއްޓުމުގެ ކަންކަން ބޮއްސުންލާފައި ހުރުން ކަމަށެވެ.
ފެނަކައިގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން އެ ކުންފުނިން ބިޑަކާ ނުލައި 1.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ. އަދި އޭރުގެ ވެރިކަން ކުރި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުންގެ ހިއްސާއޮތް ކުންފުނިތަކަށް ފައިދާވާ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާކަން ވެސް ފާހަގަކުރެވިފައިވެ އެވެ.
ނިޔާޒީ ވިދާޅުވީ، ކުންފުނިތަކުގެ ކޮރަޕްޝަންތަކަކީ އޮޑިޓަކުން ނިންމާލެވޭނެ ކަންކަން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލުކުރަން، ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނަންސް އާއި ކުންފުނިތަކުގެ ބެލެނިވެރި އިދާރާތަކުން އެ މައްސަލަތައް އިސްލާހުކުރަން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ވޭސްޓޭޖާއި ފްރޯޑާއި މިކަންކަން ކިހިނެއްތޯ މަދުކުރާނީ؟ ހަމައެކަނި ހާއްސަ އޮޑިޓަކުން މިކަން ހުއްޓުވޭނެތޯ؟ އަޅުގަނޑަށް ހީވަނީ އެއަށްވުރެ ފުޅާކޮށް އެބަހުރިހެން ގިނަ މައްސަލަތަކެއް. މުޅި ގަވަނަންސް ރަނގަޅުކޮށްގެން މިކަންކަން ކުރެވެނީ. ކުންފުންޏެއް ހިންގަން މި ހަވާލު ކުރެވެނީ މެނޭޖިން ޑިރެކްޓަރަކާއި ކުންފުންޏެއްގެ ބޯޑަކަށް. މެނޭޖިން ޑިރެކްޓަރުގެ ޒިންމާތަކެއް އެބަހުރި. ބޯޑުގެ ޒިންމާތަކެއް ވެސް އެބަހުރި. އެބަހުރި އެހެން މުއްސަސާތައް ވެސް. ޕީސީބީ އެބައޮތް. ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުންނާއި ބޯޑު މެންބަރު އައްޔަނުކުރުމުގެ ޒިންމާތަކެއް ހަވާލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޕީސީބީ އަކީ މިނިވަން އިދާރާއެއް ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައިވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ. އެ އިދާރާއަށް 10 އަހަރުވީ އިރު ވެސް އެ އުސޫލަށް ފަހުން އައި އެއްވެސް ޕީސީބީގެ ބޯޑަކުން ބަދަލު ގެނެސްފައެއް ނުވެ އެވެ.
ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކަކީ ފިނޭންސުން ސަބްސިޑީ ދީގެން ހިންގާ ތަންތަން ކަމަށާއި، ސަބްސިޑީ ދޭ އިރު ވެސް ބަލަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ފެނަކަ ފަދަ ކުންފުނިތަކުގެ ކުރީގެ އޮޑިޓްތަކުން ވެސް އެ ކުންފުނިތަކުގެ ބޮޑެތި މައްސަލަތައް ފާހަގަކޮށް، ލިބެންޖެހޭ ފައިސާތައް ފާހަގަކޮށްފައި އޮތް އިރު މިހާ ހިސާބަށް އައި އިރު އެ ކުންފުނިތަކުން ގެއްލިފައިވާ ފައިސާއިން ހޯދުނީ ކިހާވަރެއްތޯ ބަލަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ދައުލަތެއްގެ ތެރޭގައި މިފަދަ ގިނަ މައްސަލަތައް ހުރިކަން ފާހަގަކުރެވޭ ކަމަށާއި މިކަންކަން ހައްލުކުރެވޭނީ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.