08 އޮކްޓޯބަރ 2025 - 12:10

ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް ވެސް އާއްމުކުރަން ގާނޫނުން ލާޒިމުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގައި އަޒާން ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އޭނާ މިގޮތަށް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅައި، އެ ބަޔާންތައް އާއްމުކުރާ ގޮތަށް އޮޑިޓް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
"މީގެއިތުރުން އަޅުގަނޑުމެން އެބަ ޖެހޭ، ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ އެސްއޯއީތަކުގެ އިސް ވެރިން ވެސް އަދި ސިފައިންނާއި ފުލުހުންނާއި ކަސްޓަމަސް މިފަދަ އެންމެހާ މުއައްސަސާތަކުގެ ވެރިން ހަމަ މިގޮތަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަދަން، މާލީ ބަޔާން އާއްމުކުރަން ޖެހޭ ގޮތް ހަދަން،" އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަސް އަހަރެއް ނިމޭއިރު އިރު ދައުލަތުގެ ކުންފުނިތަކުގެ ވެރިން މުއްސަނދިވާތަން ފެނެ އެވެ. ތަކުރާރުކޮށް، އެކަން އެގޮތަށް އާއްމުވަމުން ދާއިރު ވެސް އެކަންތައްތައް ހުއްޓުވޭނެ ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ [މާލީ ބަޔާންތައް އާއްމުކުރަން ޖެހޭ ގޮތް ހެދުމަކީ] އެކަންތައްތައް ހުއްޓުވަން އަޅުގަނޑުމެންނަށް އެޅިދާނެ އެއް ފިޔަވަޅު،" އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ މާލީ ބަޔާން އާއްމުކުރަން ޖެހޭ ބޭފުޅުންގެ އަނބިދަރިންގެ މާލީ ބަޔާން ވެސް އާއްމުކުރަން ޖެހޭ ކަމަށާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަކީ އެއީ ކަމަށެވެ. އެގޮތަށް ހަމަޖައްސަން ޖެހެނީ މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން އަނބިދަރިންގެ ނަމަށް މިލްކިއްޔާތު ބަދަލުކުރުމަކީ ރާއްޖޭގައި އާއްމުކޮށް ކުރާ ކަމަަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަޒީރުންގެ މާލީ ބަޔާން އާއްމުކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ވެސް މަޖިލީހަށް ކުޑޫ ބިލެއް ހުށަހެޅުއްވި އެވެ. ޕީއެންސީގެ ތާއީދާ އެކު އެ ބިލު އިއްޔެ ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.
މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވާއިރު، މާލީ ހާލަތު ހުރި ގޮތް ހާމަކުރަން 30 ދުވަހުގެ ތެރޭގައި މާލީ ބަޔާން އާއްމުކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވެސް ކުޑޫ ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް އާއްމު ކޮމިޓީން މިއަދު ނިންމީ އެ އިސްލާހާ މެދު ފަހުން ވިސްނަން ބޭއްވުމަށެވެ.
ކުޑޫ ހުށަހެޅުއްވި ތިން ވަނަ އިސްލާހަކީ މިނިވަން މުއަައްސަސާތަކުގެ މެމްބަރުންގެ މާލީ ބަޔާން އާއްމުކުރަން ލާޒިމުކޮށް، އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހެކެވެ. އެކަމަކު، އެ އިސްލާހު ބަލައިގަތުމާ މެދު މަޖިލީހުން ވަކި ގޮތެއް ނުނިންމަ އެވެ.