ލަންކާގެ އިގްތިސާދީ ކުރިއެރުން ދަށް: ވޯލްޑް ބޭންކް
ލަންކާގެ އިގްތިސާދީ ކުރިއެރުން ދަށް: ވޯލްޑް ބޭންކް

ސްރީ ލަންކާގެ އިގްތިސާދަށް 2022 ވަނަ އަހަރު ކުރިމަތިވި ލޮޅުމުން އަދިވެސް އެންމެ ފުރިހަމައަށް އަރައިނުގަނެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ބުނީ، ލަންކާގެ އިގްތިސާދު ކުރިން ލަފާކުރި މިންވަރަށް ވުރެ ދަށްކޮށް ކުރިއަށްދާކަން ފާހަގަކުރެވޭ ކަމަށެވެ. މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ކުރަނީ 4.6 ޕަސެންޓުގަ އެވެ. އަދި އެ ގައުމުގެ އިގްތިސާދު އަންނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 3.5 ޕަސެންޓުގަ އެވެ.

ލަންކާގެ އިގްތިސާދު ބަނގުރޫޓުވެ، އެގައުމަށް ކުރިމަތިވި ލޮޅުމާ އެކު އޭރު ވެރިކަމުގައި ހުންނެވި ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދިނެވެ. އެ ގައުމުގެ އިގްތިސާދު ބަނގުރޫޓުވީ، 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކިގެންނެވެ. އަދި އެ ހާލަތުން އަރައިގަތުމަށް އެ ގައުމުން ވަނީ އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) ޕްރޮގްރާމަކަށް ގޮސްފަ އެވެ.

ލަންކާގެ އިގްތިސާދު މަޑު މަޑުން ހަމައަކަށް އެޅެމުން އަންނަ އިރު އެ ގައުމުގެ ފަގީރުންގެ އާބާދީ ވެސް ދެގުނަ ދަށްވެފައިވެ އެވެ. ލަންކާގެ 22 މިލިއަން އާބާދީގެ 10 ޕަސެންޓަކީ ފަގީރުންނެވެ.

ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 5.7 ޕަސެންޓުގަ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ ބޫޓާނުގެ އެވެ. އެ ގައުމުގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. އަދި ނޭޕާލްގެ އިގްތިސާދު 5.2 ޕަސެންޓުގައި، ބަންގްލަދޭޝް 4.7 ޕަސެންޓުގައި އަދި ޕާކިސްތާނުގެ އިގްތިސާދު 3.1 ޕަސެންޓުގައި، އަފްޣާނިސްތާނުގެ އިގްތިސާދު 2.2 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެ އެވެ.