މަންދޫ ފުޓްސަލް ދަނޑު ހުޅުވާ ދުވަހު މެޗެެއް ކުޅެން ރައީސަށް ދައުވަތު
މަންދޫ ފުޓްސަލް ދަނޑު ހުޅުވާ ދުވަހު މެޗެެއް ކުޅެން ރައީސަށް ދައުވަތު

އދ. މަންދޫގައި މިހާރު އަޅަން ފަށާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުމުން އެތަން ހުޅުއްވައި ދެއްވައި މެޗެއް ކުޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ރަށު ޒުވާނުން ދައުވަތު އަރުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފަހު ރަށަކަށް މަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި އިރު ރައީސާއި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލި އެވެ.

މި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ވަނީ ނޮވެމްބަރު މަހު އެ ރަށުގައި އޮންނަ ފުޓްސަލް މުބާރާތަށް ދަނޑު ނިންމައިދިނުމަށް ރައީސަށް ހުށަހެޅި އެވެ.

"އަލުގަނޑުމެން ރަށަށް ބޭނުންވާ ހުރިހާ ކަމެއް މިއަދު މި ދިޔައީ ފެށިގެން. އަޅުގަނޑުމެން ޒުވާނުންގެ ފަރާތުން ރައީސަށް ދަންނަވާލަން ބޭނުންވާ ކަމެއް، އަޅުގަނޑުމެން ފުޓްސަލް ދަނޑު ހުޅުވާއިރު އަޅުގަނޑުމެންނާ އެކު ރައީސް، ފުޓްސަލް މެޗެއް ކުޅުމަށް ވަޑައިގަތުމަށް،" ޒުވާނަކު އެދުނެވެ.

ދަނޑު ހުޅުވާ ދުވަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފުޓްސަލް މެޗަށް ވަޑައިގެންދިނުމަށް އެ ޒުވާނުން އެދުނެވެ،

އެކަމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވަގުތު ލިބިވަޑައިގެންފި ނަމަ، އެ ދަނޑު ހުޅުވާ ދުވަހު އެ ރަށު ޒުވާނުންނާ އެކު މެޗެއް ކުޅުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ޝައުގުވެރިވާ ކަމެއް ތި ވިދާޅުވީ [ފުޓްސަލް ކުޅުން] ވަގުތު ލިބޭ ނަމަ، ވަގުތު ހުސްކޮށްގެން އައިސް ތިބޭފުޅުން ތި ވިދާޅުވާ ގޮތަށް ކުޅެލަން އަންނަ އަޅުގަނޑު ހަމަ ލުކްފޯވާޑު ކުރަން،" ރައީސް ވިދާޅުވި އެވެ.

ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަށު ކައުންސިލުން ބުނީ މަންދޫގެ ރައްޔިތުންނާ ރާއްޖޭގެ ރައީސަކު ބައްދަލުކޮށް ވާހަކަ ދައްކާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ރަށާއި ރައްޔިތުންގެ ތަރައްގިއަށް ކުރަން ހުރި ކޮންމެ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ރަށު ކައުންސިލުން ދިނެވެ.