އޭސީސީގެ ބަޖެޓް ވަކިން ފާސްކުރާ ގޮތަށް ބަދަލުކުރަން ޖެހޭ: ޝުޖާއު
އޭސީސީގެ ބަޖެޓް ވަކިން ފާސްކުރާ ގޮތަށް ބަދަލުކުރަން ޖެހޭ: ޝުޖާއު

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓެކޭ އެއް ފަދައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަޖެޓް ވެސް ރައްޔިތުންގެ މަޖިލީހަށް ވަކިން ހުށަހަޅައި ފާސްކުރާ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުން މާލީ ބަޔާންތައް އާއްމުކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނު ބަދަލުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ، އޭސީސީގެ ބަޖެޓް މަޖިލިހުން ފާސްކުރާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ވަކިން ފާސްކުރާ ބަޖެޓަކަށް ވާއިރު، އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރޭތޯ ބަލަން ޖެހޭ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ގާނޫނުއަސާސީ އަށް އެބަ އިސްލާހެއް އަންނަން ޖެހޭ. އެ އިސްލާހުގައި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަޖެޓަކީ ވެސް ގާނޫނުއަސާސީގައި ވަކިން ފާސްކުރަން ޖެހޭ ބަޖެޓެއްގެ ގޮތުގައި އޮންނަން އެބަ ޖެހޭ،" ޝުޖާއު ވިދާޅުވި އެވެެ.

ކޮރަޕްޝަނުގެ ތުހުމަތު އަބަދުވެސް އަޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި ކަމަށާއި އެކަމަކު އަބަދުވެސްް ކޮރަޕްޝަނުގެ ވަބާ މުޅި ދައުލަތުގެ ތެރޭގައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރުންނަކީ ވަރަށް ކޮރަޕްޓް ބައެއްގެ ގޮތުގައި ދިވެހިންނަށް ބަޔަކު ވަނީ ވިސްނައި ދީފަ އެވެ.

"ދިވެހި ދައުލަތުގެ ތެރޭގައި، ވަކި މިހާރެއް ނޫން، އިއްޔެއެއް ނޫން ކުރިން ފެށިގެން، މުޅި ދައުލަތުގެ ތެރޭގައި މި ވަބާ [ކޮރަޕްޝަނުުގެ ވަބާ] އެބަ ފެތުރޭ،" ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން އާއްމު ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ރަނގަޅު މަސައްކަތެއް ކުރެވޭނީ އެހެން މުއައްސަސާތަކުގެ ވެރިންނަށް ވެސް މާލީ ބަޔާން ހާމަކުރަން ކެރިވަޑައިގަންނަވާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.